ދ. ރިނބުދޫ ރައްޔިތުން އެހެން ރަކަށް ބަދަލުކުރުމަށް ކުރީ ސަރުކާރުން ނިންމާފައި ވީނަމަވެސް އެކަމާއި ގުޅޭ ގޮތުން ސަރުކާރުން ގޮތެއް ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތެއް ބެލުމަށް ފަހު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މި އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރިނބިދުއަށް މިއަދު ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. ވަހީދު ވިދާޅުވީ މިރަށުގެ ރައްޔިތުން އެހެން ރަކަށް ބަދަލުކުރުމާ މެދު މިހާރު ނިންމަވާފައިވާ ނިންމުމާއި މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެގޮތުން މިރަށުގައި އެކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު ރައްޔިތުން ވަކި ގޮތަކަށް ނިންމުމުން ނޫނީ އެކަމާއިމެދު ސަރުކާރުން ވަކި ގޮތައް ނުނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑު ސަތޭކަ އަކުން ސަތޭކަ ތާއިދު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އެކަމާއި ގުޅޭގޮތުން ވަކި ގޮތެއް އަވަސް މުސްތަގުބަލެއްގައި ނިންމުން ވަރަށް މުހިންމު ކަމަށާއި އޭރުން އަންނަ އަހަރު މި ރަށުގެ ތަރައްގީއަށް މަސައްކަތް ތަކެއް ކުރަންޖެހޭ ނަމަ އެކަންވެސް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިރަށުގެ އިންޖީނުގެ ފެނަ ކޯޕަރަރޭޝަންގެ ދަށަށް ގެންދެވުމަށް ނިންމަވާ އެކަން މިހާރު މިރަށު ކައުންސިލަށް ވެސް އަންގަވާފައިވާ ކަމަށެވެ.

މިޖަލްސާގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގަންނަވާ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ދެއްކެވި ވާހަކަ ފުޅުގައި ސިޔާސީ ފިކުރުން އެއްފަރާތްކޮށް ހެޔޮގޮތް ވިސްނާ ބަޔަކު އުޅޭ ތަނެއް ނޫނީ ތަރައްގީވެގެން ނުދާނެކަމުގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ މިރަށުގެ ރައްޔިތުންގެ ނުގަބޫލުގައި ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރަން ނޫން ކަމަށާއި މިރަށުގެ ތަރައްގީއަށް މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުވެސް ފެށިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު މިއަދު ވަނީ މިރަށުގެ ކައުންސިލަރުންނާއި ބައްދަލު ކުރައްވާ ރަށުގެ ހާލަތު އޮޅުން ފިލުއްވާފަ އެވެ. ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޓޫރިޒަމް މިނިސްޓާ އަހްމަދު އަދީބާއި ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގެންނަވަ އެވެ.