29 Oct 2012, 15:08
އެސިސްޓެންޓް ޑިރެކްޓަރުން ފެންވަރުން ފެށިގެން އޭގެ މަތީ މަގާމުތަކަށް މިއަހަރު ތެރޭ މީހުން ނުނެގުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އޮފީސްތަކަށް އަންގައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސީއެސްސީން ސަރުކާރުގެ އޮފީސްތަކަށް އެގޮތަށް އަންގާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ. އެ ނިންމުމަކީ މިހާރު ދިމާވެފައިވާ ބަޖެޓްގެ ދަތިކަމާއި އަދި މިއަހަރު ނިމެން ކައިރިވެފައިވާތީ ސީއެސްސީން އެންގި އެންގުމެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ނިންމުމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަންއަށް ގުޅިނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ސީއެސްސީގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
އޮފިޝަލް ވިދާޅުވީ ފިނޭންސް މިނިސްޓްރީ ފަދަ ގިނަ އަދަދަކަށް މުވައްޒަފުން ބޭނުންވާ މިނިސްޓްރީތަކަށް އަދިވެސް އިތުރު ސިވިލްސާވެންޓުން ބޭނުންވާ ކަމަށާއި ނަމަވެސް ސީއެސްސީގެ ނިންމުމުގެ ސަބަބުން އެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
"ފިނޭންސް ކަހަލަ ތަންތަނަށް މުވައްޒަފުން ނުނަގާތާ ދޮޅު އަހަރު ވަނީ. އެތަންތަނަށް ބޭނުންވޭ މުވައްޒަފުން. ނަމަވެސް ސީއެސްސީ އެގޮތަށް އެންގީމައި އެ މަސައްކަތް މަޑުޖައްސާލައިގެން މި އުޅެނީ. ނަމަވެސް ސީއެސްސީއާ ވާހަކަ ދައްކައިގެން އެ ކަމަށް ގޮތްތަކެއް ހޯދަން ވިސްނަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ އެންގުމާއި އެއްގޮތަށް ސަރުކާރުގެ ގިނަ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން މުވައްޒަފުން ހޯދުމަށް ކޮށްފައިވާ ބައެއް އިއުލާންތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ދައުލަތުގެ ހަރަދުތައް ބޮޑުވެ ދެކޮޅު ނުޖެއްސިގެން މިއަހަރުގެ މެދުތެރޭގައި ސަރުކާރުން ވަނީ ހުރިހާ އޮފީސްތަކެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކޮށްފަ އެވެ. އެއާ އެކު ގިނަ އޮފީސްތަކެއްގެ ޝަކުވާ ފިނޭންސްގައި ފުނިޖެހުނެވެ.