ޑިމޮކްރަސީގެ އަސްލުތައް ރާއްޖޭގައި އަށަގެންނެވުމުގައި ކުރާންހުރި މަސައްކަތްތައް ހިތަށް ގެނެސް، ބޮޑު މަންޒަރުގެ އުޖާލާކަން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.


އެމަނިކުފާނު މިކަންކަމަށް އިލްތިމާސް ކުރައްވާފައި ވަނީ، މިއަދަކީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިމޮކްރަސީގެ އަސްލުތައް މިރާއްޖޭގައި އަށަގެންނެވުމުގައި، އަޅުގަނޑުމެން ކުރާން ހުރި މަސައްކަތްތައް ހިތަށް ގެނެސް، ބޮޑު މަންޒަރުގެ އުޖާލާކަން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. ޑިމޮކްރަސީގެ ފުރިހަމަ ފައިދާ އާއި ލާބަ ލިބިގަތުމަށް އަޅުގަނޑުމެން އިސްކަންދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި، ޤައުމީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި މަދަނީ ޖަމްޢިއްޔާތައް ނުވަތަ ސިވިލް ސޮސައިޓީ ވަރުގަދަ ކުރުމަށް އެޅޭން ހުރި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާ އެކު، ޤާނޫނު އަސާސީގައި ބުނާ ބާވަތުގެ ފަނޑިޔާރުގެއެއް ޤާއިމު ކުރުމާއި، ޤާޒީންނާއި ފަނޑިޔާރުންނަށް އަޅުގަނޑުމެން އެންމެންގެ އިޙްތިރާމާއި އިތުބާރު ލިބިދެވޭނެ އިންތިޒާމުތައް އަށަގެންނެވުން ވެސް ހިމެނޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ދިވެހިން މިއަދު ހާސިލުކުރާން އެދޭ ތަރައްޤީ އާއި ލަނޑުދަނޑިތައް މިވަގުތު ގުޅިފައި ހުރީ، ލާމަރްކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ވާދަވެރި ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމާއެކު ހަމަޖައްސައި، ކުރިމަގުގެ ފާގަތިކަން ހާސިލު ކުރުމަށްޓަކައި އިންސާފުވެރި އިންތިޚާބުތައް މިރާއްޖޭގައި ބޭއްވޭނެ މަގުތައް ފަހިކުރުމާކަން އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ ކަމަށް ރައީސްގެ މެސެޖްގައި ވަނީ ވިދާޅުވެފަ އެވެ.