29 Oct 2012, 13:52
މާލޭގެ ގެއަކުން އަގު ބޮޑެތި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި، ދެ ވަނަ ފުރުސަތުގެ މީހެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ގ. ދޮންފެހިގެއިން ވައްކަންކުރި މައްސަލައިގެ ތަހުގީގު ނިންމައި މި މަހުގެ 18 ވަނަ ދުވަހު ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ގ. ހެޕީސައިޑް ހަސަން ޝެހެޝާން 35،ގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިފައި ވަނީ އޭޕްރީލް ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ދޮންފެހިގޭގެ ތިން ވަނަ ފަންގިފިލަ އަށް ވަގަށް ވަދެ އެގޭގެ މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރި 14000 ރުފިޔާގެ ލެޕްޓޮޕަކާއި 15000 ރުފިޔާގެ ކޮމްޕެކް ބްރޭންޑްގެ ލެޕްޓޮޕަކާއި އަދި 4500 ރުފިޔާގެ ލެޕްޓޮޕެއްގެ އިތުރުން 2500 ރުފިޔާގެ އެޗްޑީޑީ ޕްލޭޔާ ހާޑް ޑިސްކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
ދޮންފެހިގެ އިން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައި ވަނީ ހަސަން ސެހެޝާން ދިރިއުޅެމުން ދިޔަ ގ. ހެޕީސައިޑް ގެއިންނެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަސަން ސެހެޝާން އަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހަކަށް ވާތީ ތަހުގީގު ނިންމައި އޭނާ ވަނީ ޑީޕީއާރުއެސްއާ ހަވާލުކޮށްފަ އެވެ.