29 Oct 2012, 13:27
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރެއިން އިންޑިއާގެ މުންބާއީ އާއި ޗެންނާއީ ގެ އިތުރުން ބަންގްލަދޭސްގެ ޑާކާގެ ޓިކެޓްތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އެ އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ވިކުނު ޓިކެޓްގެ އަދަދު ސީދާ ބުނަން ނޭންގުނު ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓް ގަނެފައިވާ ކަމަށެވެ. މޯލްޑިވިއަންއިން އާ މަންޒިލްތަކަށް ދަތުރުތައްފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
"ސީދާ ވަކި ޕަސެންޓެއް ދައްނަވާކަންނޭގޭ. ނަމަވެސް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން، އެގޮތުން ފާހަގަކޮށްލަން ބޭނުން ފުރަތަމަ ދެ ފްލައިޓްތަކަށް މިވަނީ ހާއްސަ އަގުތަކެއް ކަނޑައަޅާފައި އެޓިކެޓްތަށްވެސް ވަރަށް ބާރަށް ވިކެމުންދަނީ ނަމަވެސް އަދިވެސް ބައެއް ޓިކެޓް ލިބެން އެބަހުރި،" ނަޝާތު ވިދާޅުވި އެވެ.
ންބާއި އާއި ޗެންނާއީ އަދި ޑާކާއަށް ދަތުރުކުރާ ފުރަތަމަ ދެ ފުލައިޓް ވަރަށް ހާއްސަ ރޭޓެއް ކަނޑައެޅިފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ. އެގޮތުން ޗެންނާއީ ދެކޮޅު ޓިކެޓް 255 ޑޮލަރު(3932ރ.) އަށް ވިއްކާއިރު މުމްބާއީ ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައިވަނީ 355 ޑޮލަރަށް(5474ރ.) އަދި ޑާކާ 555 ޑޮލަރަށް(8558ރ.) އަށެވެ.
ނަޝާތު ވިދާޅުވީ އެ މަންޒިލްތަކަށް ދަތުރުތަށް ފަށާއިރު އެންމެ ފުރަތަމަ ދަތުރުކުރަން ނިންމާފައިވަނީ ކޮންމެ މަންޒިލަކަށްވެސް ހަފްތާއަކު ތިން ފަހަރުކަމަށް ނަޝާތު ވިދާޅުވި އެވެ.
އަދި އާންމު އަގުތަކަށް ބަލާއިރު މުންބާއީ އެކޮނޮމީ ސީޓުން ދެކޮޅު ޓިކެޓް 499 ޑޮލަރު(7694.58ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 319 ޑޮލަރަށް (4318.98ރ) އަށެވެ. އަދި ޕްރީމިއަމް އިކޮނޮމީ ސީޓެއްގެ ދެކޮޅު ޓިކެޓް 517.95 ޑޮލަރު(7986.789ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 331.96 ޑޮލަރަށް(5118.8232ރ.) އަށެވެ. އަދި ބިޒްނަސް ކުލާސްގެ ދެކޮޅު ޓިކެޓް 783.50 ޑޮލަރަށް(120081.57ރ.) އަށް ވިއްކާއިރު އެސީޓުން އެއްކޮޅު ޓިކެޓް ވިއްކަނީ 461.50 ޑޮލަރަށް(7116.33ރ) އަށެވެ.
އަދި ޗެންނާއި އިކޮނޮމީ ސީޓުން ދެކޮޅު ޓިކެޓް 299 ޑޮލަރު(4610.58ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 115 ޑޮލަރަށް (1773.3ރ.) އަށެވެ. އަދި ޕްރީމިއަމް އިކޮނޮމީ ސީޓެއްގެ ދެކޮޅު ޓިކެޓް 319.19 ޑޮލަރު(4921.9ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 165.02 ޑޮލަރަށް(2544.6084ރ.) އަށެވެ. އަދި ބިޒުނަސް ކުލާސްގެ ދެކޮޅު ޓިކެޓް 333 ޑޮލަރަށް(5134.86ރ.) އަށް ވިއްކާއިރު އެސީޓުން އެއްކޮޅު ޓިކެޓް ވިއްކަނީ 211 ޑޮލަރަށް(3253.62ރ) އަށެވެ.
އަދި ޑާކާ ސިޓީގެ ޓިކެޓްގެ އަގުތަކަށް ބަލާއިރު އިކޮނޮމީ ސީޓުން ދެކޮޅު ޓިކެޓް 599 ޑޮލަރު(9236.58ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 299 ޑޮލަރަށް (4610.58ރ.) އަށެވެ. އަދި ޕުރީމިއަމް އިކޮނޮމީ ސީޓެއްގެ ދެކޮޅު ޓިކެޓް 623.04 ޑޮލަރު(9607.3ރ.) އަށް ވިއްކާއިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 310.96 ޑޮލަރަށް(4795ރ.) އަށެވެ. އަދި ބިޒުނަސް ކުލާސްގެ ދެކޮޅު ޓިކެޓް 935.60 ޑޮލަރަށް(14426.952ރ.) އަށް ވިއްކާއިރު އެސީޓުން އެއްކޮޅު ޓިކެޓް ވިއްކަނީ 464.44 ޑޮލަރަށް(7161.7ރ) އަށެވެ.
މޯލްޑިވިއަންއިން އާ މަންޒިލްތަކަށް ދަތުރުތަށް ފަށަން ހުރިހާ ތައްޔާރީތަކެއް ވެފައިވާއިރު އެކުންފުނިން އެ މަންޒިލްތަޖަށް ދަތުރުކުރުމަށް ގެނައި އޭ320 މަރުކާގެ އާ ބޯޓް ވަނީ މިދިޔަ ބުދަ ރާއްޖެ ގެނެސްފަ އެވެ. އެ ބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.