ކުލަބް ވެލެންސިޔާގެ 33 ވަނަ އަހަރީ ޖަލްސާ ބޭއްވުމަށް އެ ކުލަބުން ނިންމައިފި އެވެ.

ވެލެންސިޔާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މިއަދު ވިދާޅުވީ، ކުލަބުގެ އަހަރީ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އަދި އަހަރީ ޖަލްސާ ބާއްވާނެ ތާރީހަކާއި ތަނެއް އަދި މުޅިން ފައިނަލް ވެފައި ނުވާ ކަމަށް ވެސް ރާއި ވިދާޅުވި އެވެ.

"އަހަރީ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ވަރަށް ކުލަ ގަދަކޮށް. އެކަމަކު ޖަލްސާ ބާއްވާނެ ވަކިތަނެއް މުޅިން ފައިނަލް ނުވެގެން މިއުޅެނީ. ނަމަވެސް އަންނަ މަހުގެ ތެރޭގައި ޖަލްސާ ބާއްވާނަން،" ރާއީ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ފެންވަރުގެ ފަސް ކުޅުންތެރިންނާ ކުލަބުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ކުލަބަށް ބިދޭސީ ކޯޗަކު ގެނައުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ރާއީ ވިދާޅުވި އެވެ.

ކުލަބް ވެލެންސިޔާ އުފެދުނީ 1979 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ.