29 Oct 2012, 13:03
ދެ ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ.
މިހާރު ކުރިއަށް ދަނީ ފ. ބިލެއްދު އާއި ލ. މާބައިދޫ ކައުންސިލްގެ ބައި އިލެކްޝަނާއި މ. އަތޮޅު ކައުންސިލްގެ މުލަކު ދާއިރާގެ ބައި އިލެކްޝަނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ދާއިރާތަކުގައި ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ޖެހިއިރު ކަމަށެވެ. އަދި ހަވީރު 4:00 ޖެހުމާހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
"އެ ގަޑީގައި ވޯޓުލުން ބަންދުކުރާއިރު ވޯޓުލުމަށް ގޮސްތިބޭ އެންމެނަށް ވެސް ވޯޓުލުމުގެ ފުރުސަތު އޮންނާނެ،" ފުއާދު ވިދާޅުވި އެވެ.
ބިލެއްދޫ ކައުންސިލަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓެކެވެ. މާބައިދޫ ކައުންސިލަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިޑޭޓެކެވެ. އަދި މ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީއާއި ޕީޕީއެމް އަދި ޑީއާރްޕީގެ ކެނޑިޑޭޓުންނެވެ.
މީގެ އިތުރުން އަންނަ މަހުގެ 15 ވަނަ ދުވަހު ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ކަނޑުހުޅުދޫ ކައުންސިލަށް ކުރިމަތިލައްވާފައި ވަނީ ޕީޕީއެމް އާއި އެމްޑީޕީން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓެވެ.