29 Oct 2012, 11:35
އިޓަލީގެ ކާމިޔާބީ ކްލަބެއްކަމަށްވާ އިންޓަ މިލާނަށް އިޓަލީ ލީގު ކާމިޔާބުކުރެވިދާނެ ކަމަށް އެކުލަބުގެ ކުރީގެ ތަރި އަދި އިޓަލީއަން ފުޓްބޯލް ފެޑެރޭޝަން (އެފްއައިޖީސީ)ގެ ޓެކްނިކަލް ސެކްޓާގެ ރައީސް ރޮބާޓޯ ބާޖިއޯ ބުނެފި އެވެ.
ބާޖިއޯއަކީ ކުރިން ޔުވެންޓަސްއާއި އޭސީ މިލާން އަދި އިންޓަމިލާނަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބާޖިއޯ ބުނި ގޮތުގައި މިހާރު ފެންނަމުންދާ މަންޒަރުން އިޓަލީ ލީގަކީ ހިތްގައިމު ލީގެއްކަމުގައި ބެލެވޭ ކަމަށާއި ލީގު ހޯދާނެ ކްލަބަކީ ކޮބައިކަން ބުނުމަކީ އުނދަގޫކަމެއް ކަމަށެވެ.
"އިންޓަ އަށް އިޓަލީ ލީގު ހޯދުމަށް މަސައްކަތް ކުރެވިދާނެ. އަދި އިނޓައަށް އެކަން ކާމިޔާބު ކުރެވިދާނެ. މިއީ ލީގު ހޯދާނެ ކްލަބަކީ ކޮބައިކަން ބުނެވޭނެ ފަހަރެއް ނޫން. ލީގު ހޯދުމުގެ ފުރުސަތު އޮތީ ހަމައެކަނި ޔުވެންޓަސް އާއި ނަޕޯލީއަކަށް ނޫން. ޔުވެންޓަސްއަކީ އެންމެ ވަރުގަދަ ކްލަބުކަމާ މެދު ޝައްކެއްނެތް. ނަމަވެސް އަދި ލީގު ނިމެން ގިނަ ދުވަސްތަކެއް އެބައޮތް. އޭގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް އެބައޮތް. އޭސީ މިލާންގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ހައިރާންވޭ." ބާޖިއޯ ބުންޏެވެ.
ބާޖިއޯއަކީ އިޓަލީ ގައުމީ ޓީމަށްވެސް ގިނަ ހިދުމަތެއް ކޮށްދިން ކުޅުންތެރިއެކެވެ. 1988 ވަނަ އަހަރުން 2004 ވަނަ އަހަރު އިޓަލީ ގައުމީ ޓީމަށް ކުޅުނު 26 މެޗުން ބާޖިއޯވަނީ 27 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ބާޖިއޯ ވަނީ އިޓަލީ ގައުމީ ޓީމާ އެކު ފީފާ ވޯލްޑްކަޕް 1990 ވަނަ އަހަރުގެ ތިންވަނަ މަގާމް ހޯދައި ވޯލްޑްކަޕް 1994ގެ ރަނަރަޕް މަގާމް ހޯދާފަ އެވެ.