ސަންތޯސްއަށް ކުޅުނު ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ގޯލްގެ ރެކޯޑް ބިންދާލަން ނުވިސްނާކަމަށް ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި ރަޔޯ ވަޔެކާނޯއާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފުޓްބޯޅަ ކެރިޔަރުގައި 300 ވަނަ ލަނޑު ކާމިޔާބުކޮށް، 301 ވަނަ ލަނޑުވެސް ކާމިޔާބުކޮށްފަ އެވެ. ވަޔެކާނޯ އާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ މިއަހަރު 73 ލަނޑު ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ކުރީގެ ތަރި ޕެލޭވަނީ އަހަރު ދުވަހެއްގެ ތެރޭގައި 75 ލަނޑު ކާމިޔާބުކޮށްފަ އެވެ.

"ޕެލޭގެ ގޯލް ޖެހުމުގެ ރެކޯޑް ބިންދާލާކަށް އަހަރެންނެއް ނުވިސްނަން. އަހަރެމެން ވަޔޮކާނޯ އާ ދެކޮޅަށް ކުޅުނީ އުނދަގޫ ދަނޑެއްގައި. މުހިންމުކަމަކަށްވީ އެމެޗުން މޮޅުވުން. އަހަރެން އަބަދުވެސް ވިސްނަނީ ޓީމަށް ކާމިޔާބު ހޯދައިދޭން. ރެކޯޑްތައް މުގުރާކަށް ނޫން." މެސީ ބުންޏެވެ.

މިދިޔަ ސީޒަންގައި ޔޫރަޕްގެ އެންމެ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ލިބޭ ރަންބޫޓް އަންނަ ހޯމަ ދުވަހު އުމުރުން 25 އަހަރުގެ މެސީއަށް ލިބޭނެ އެވެ. މި އެވޯޑް މެސީ އަށް ލިބޭތީ އޭނާ ވަނީ ބާސާގެ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. "މި އެވޯޑް ލިބޭތީ ބާސާގެ ކުޅުންތެރިންނަށް އަހަރެން ޝުކުރު އަދާކުރަން. އެމީހުންނާ ނުލައި އަހަރެންނަށް ރަން ބޫޓެއް ނުލިބޭނެ." މެސީ ބުންޏެވެ.

މިހާރަކަށް އައިސް މެސީ ފާހަގަވެފައި ވަނީ ރެކޯޑްތައް މުގުރަމުންދާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެއް އަހަރެއްގެ އެންމެ ގިނަ ލަނޑު ޖަހައިފައިވާ ޖަރުމަންގެ ކުރީގެ ފޯވަޑް ގާޑް މުލާގެ ރެކޯޑާ އެއްވަރުކުރުމަކީ މެސީއަށް ނުވެވޭވަރުގެ ކަމެކޭ ބުނެވޭކަށް ނެތެވެ. އެއީ އެރެކޯޑް ބިންދާލަން ބޭނުން ނަމަ މެސީ ކާމިޔާބުކުރަން ޖެހޭނީ 13 ލަނޑެވެ. މުލާވަނީ 1972 ވަނަ އަހަރު 85 ލަނޑު ކާމިޔާބުކޮށްފަ އެވެ.