ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ސުއަރޭޒް ފަހު ވަގުތު ކާމިޔާބު ކުރި ލަނޑަކީ ލަނޑެއްކަމަށާއި އޭނާ އޮފްސައިޑް ނުވާ ކަމަށް ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލަށް ވަނީ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ. މިސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ނުވަ މެޗުން މޮޅުވެވިފައި ވަނީ އެންމެ ދެމެޗުންނެވެ.

ލިވަޕޫލުން ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ސުއަރޭޒްގެ ފަރާތުން ލަނޑެއް ފެނުނު ނަމަވެސް ރެފްރީ ވަނީ އޭނާ ކާމިޔާބު ކުރި ލަނޑަކީ އޮފްސައިޑެއް ކަމަށް ނިންމާފަ އެވެ.

"އެގޯލަކީ ގޯލެއްކަން އެންމެންނަށް ވެސް ފެންނާނެ. ފެނާންޑޯ ކޯޓެސް ބޮލުން ދިން ބޯޅައަކީ މޮޅު ބޯޅައެއް އަދި ސުއަރޭޒް ކާމިޔާބު ކުރި އެލަނޑަކީ ވެސް ރަނގަޅު ލަނޑެއް. ނަމަވެސް ސުއަރޭޒް އޮފްސައިޑްކަމަށް ނިންމުމަކީ ރެފްރީގެ ފަރާތުން ފެނުނު ރަނގަޅު ނިންމުމެއް ނޫން." ކޯޗް ރޮޖާސް ބުންޏެވެ.

އެވަޓަންއާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗަށް ފަހު، ރޮޖާސްވަނީ މެޗުގައި ލިވަޕޫލްގެ ދެލަނޑު ކާމިޔާބުކުރި ސުއަރޭޒް އަށް ތަޢުރީފްކޮށްފަ އެވެ. ސުއަރޭޒްއަކީ ޑައިވް ކުރާ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރި ނަމަވެސް އެކަން އެންމެ ބޮޑަށް ދޮގުކުރާ އެކަކީ ކޯޗު ރޮޖާސް އެވެ.