15 Sep 2010, 08:06
ފުވައްމުލަކު ދަނޑިމަގު އަވަށުން އެމްވީކޭ އަށް ބިން ދިނުމަށް ނިންމުމާ ގުޅިގެން އެކަމާ ނުރުންފާޅުކޮށް އެރަށުގައި މިއަދު މުޒާހިރާކޮށް ބަޔަކު "ހޫނުވެއްޖެ" އެވެ.
އެ މުޒާހަރާގާއި އިސްކޮށް އުޅުނު މީހަކު މިއަދު ސަންއެފްއެމަށް މައުލޫމާތު ދެމުން ބުނީ، ރައްޔިތުން ހިތްހަމަނުޖެހިގެން މުޒާހަރާ ކުރީ، ދަނޑިމަގު އަވަށުގެ ގެއް މިސްކިތް ފަންނުން ފެށިގެން ދެކުނަށް 30000 އަކަ ފޫޓުގެ ބިމެއް އެމްވީކޭ އަށް ދިނުމަށް ސަރުކާރުން ނިންމުމުން ކަމަށާއި އެ ބިން އެ ފަރާތާ ހަވާލު ކުރުމަށް ރަށު އޮފީހުގެ ކަމާ ބެހޭ ބޭފުޅުން އެ ސަރަހައްދަށް ވަޑައިގަތުމުން ކަމަށެވެ. އަދި އެމްވީކޭ އަށް ދިނުމަށް ނިންމި ބިމަކީ، ރައްޔިތުންނަށް ގޯތި ދިނުމަށް އޮތް ބިމެއް ކަމުން އެ ބިން ބަޔަކަށް ދިނުމަކީ ރަށުގެ ޒުވާނުންގެ މުސްތަގުބަލް ބަނަވެގެންދާނެ ކަމެއް ކަމަށް މުޒާހަރާ ކުރި މީހުން ވަނީ އަޑުއުފުލައިފަ އެވެ. އަދި ރައްޔިތުން ބޭނުން ކުރަން އޮތް ބިމެއް ވިޔަފާރިކުރާ ފަރާތަކަށް ހިލޭ ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރަށުގައި ޗަސްބިން އޮތް އިރު އެފަދަ ގޮތަކަށް އެބިން ދިނުމަށް އެއްބަސް ނުވެވޭނެ ކަމަށް ވެސް އެމީހުން ގޮވަމުންދިޔަ އެވެ. އަދި މިފަދަ ކަންތައްތަކަށް މަސައްކަތް ކުރުމަށް ތިއްބެވި ކައުންސިލަރުންނަކީ، ޣައިރުގާނޫނީ ގޮތުން އައްޔަންކޮށްފައި ތިބި ބައެއް ކަމަށް ބުނެ ކައުންސިލަރުންގެ އިސްތިއުފާއަށް ވެސް މުޒާހަރާ ކުރި މީހުން ވަނީ ގޮވައިފަ އެވެ. މި މުޒާހަރާގެ ސަބަބުން، ބިން ވަކިކުރަން މިއަދު ދިޔަ 10:30 ހާކަންހާއިރު އެ މަސައްކަތް ހުއްޓާލުމަށް ފަހު އެސަރަހައްދުން ދިޔުމުން މުޒާހަރާ ހުއްޓާލީ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުވައްމުލަކު ކައުންސިލަރު އިބްރާހިމް ފިކުރީ، ވިދާޅުވީ، އެ ބިމަކީ އެ ސަރަހައްދުގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމު އެމްވީކޭ އަށް ހަވާލުކުރުމާ ގުޅިގެން އެކަމަށް ހުސްބިމެއް ދޭންޖެހޭ ގޮތަށް އޮންނަ އުސޫލުގެ ދަށުން ސަރުކާރުން ދޭން ނިންމާފައިވާ ބިމެއްކަމަށެވެ. އަދި ތިރީސް ހާސް އަކަފޫޓުގެ މި ބިން އެމްވީކޭ އަށް ދޭން ނިންމުމާ ގުޅިގެން ބަޔަކު ނުރުހުން ފާޅުކުރި ކަމަށާއި ނަމަވެސް މުޒާހަރާ ކުރި މީހުން ބޭނުން ވަނީ ކޮންކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ބިމަކީ އެމްވީކޭއިން ބަސް ދަތުރުތައް ފެށުމަށް ބޭންވާ ކަންތައްތައް ކުރުމަށް ދިން ބިމެއް ކަމަށާއި އެފަދަ ހިދުމަތްތައް ފެށޭނީ ސަރުކާރުން ކޮށްދޭން ބުނި ކަންތައްތައް ކޮށްދިނުމާ އެކުރައްޔިތުންގެ އެއްބާރުލުން ދީގެން ކަމަށް ވެސް ފިކުރީ ވިދާޅުވި އެވެ.