ޖަލުގައި ތިބި ބައެއް ގައިދީން މާލޭގެ ގުރޫޕްތަކާ ގުޅިގެން މާރާމާރީ ހިންގުމާއި ވައްކަން ކުރުމަށް ރާވައި ހަދަމުންދާ ވާހަކައަކީ އާ ވާހަކައަކަށް ނުވެދާނެ އެވެ. ޖަލުގައި ތިބޭ މީހުން ސީދާ މާލޭގެ ގޭންގުތަކާއި މުއާމަލާތްކުރަނީ ވަގަށް ޖަލަށް އެތެރެކުރާ މޯބައިލް ފޯނުންނެވެ.

އެކިފަހަރު މަތިން ޖަލަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ފޯނުތައް ޑީޕީއާރްއެސްގެ އަހަރީ ދުވަހު ވެސް ދައްކާލި އެވެ. އެއީ އެތައްހާސް ފޯނެކެވެ. ޑީޕީއާރުއެސްއަށް ވެސް އަދަދު ނޭނގެ އެވެ.

ޑީޕީއާރުއެސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ފަޔާޒު ވިދާޅުވެފައި ވަނީ ޖަލަށް އެތެރެ ކުރާ ފޯނު ބޭނުންކޮށްގެން ސިޔާސީ ފަރާތް ތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ސަރުކާރުގެ އިސްބޭފުޅުންނާ ގުޅައިގެން ކަންކަމުގެ ލަފަޔާއި، މަޝްވަރާ ހޯދުމުގެ ކަންތައްގަނޑެއް ގައިދީން ކުރަމުން ގެންދާ ކަމަށެވެ. އެފަދަ ކަންތައްތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ހުއްޓުވުގެ ލަވަ ކިޔަކިޔައި ތިއްބައި އެ މައްސަލަ ނުރައްކާތެރި ދަރަޖައަކަށް ދިއުމުގެ ރަތް ސިގްނަލް ފެންނަން ފަށައިފި އެވެ. ޖަލުގައި ތިބޭ ގައިދީންގެ ޓާގެޓަކަށް ވަމުން އަންނަނީ އެކި ލެވަލްގެ މީހުންނެވެ. ސީދާ ޖަލުތެރެއިން ރާވައިގެން މީހުން ބްލެކްމެއިލް ކުރުމުގެ ސިލްސިލާއެއް ޖަލުގެ ގައިދީން ވަނީ ފަށައިފަ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ދުވަސްވީ ގާނޫނީ ވަކީލަކަށް (އޭނާ ނަންޖަހަން ބޭނުމެއް ނުވި) މިދިޔަ ހަފްތާގެ ދަންވަރުގެ ވަގުތު އައީ ކުއްލި ފޯނު ކޯލެކެވެ. ފޯނު ނެގުމާ އެކުހެން ވާހަކަ ދެއްކީ މީހާ ބުނީ އޭނާ އަކީ ޖަލުގެ ގައިދީއެއް ކަމަށެވެ. (ގައިދީގެ ނަން ސިއްރުކޮށްފައި.) އެ ނަމްބަރަށް ރިލޯޑްކޮށް ނުދީފި ނަމަ "ހިތައްވެސް ނާރާނެ ފަދަ" ގޮތަކަށް އާއިލާއާ މެދު ކަންކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމަށް ފަހު ފޯނުބޭއްވީ އެވެ. ބިރުން ރިލޯޑްވެސް ފޮނުވައިފި އެވެ. އެރޭ ހަމަޖެހިގެން ނިދާ ލެވުނެވެ. އަނެއް ދުވަހު އިރު އެރީއިރަށް ސޭވް ނުކުރާ ނަމްބަރަކުން ގުޅަން ފަށައިފި އެވެ. މިފަހަރު ފޯނެއް ނުނަގަ އެވެ. ރޭގެ ހާދިސާއާ އެކު ހިތުގައި ބިރުވެރިކަން ވެސް އޮތީމަ އެވެ. އޭގެ ފަސް ވަރަކަށް މިނެޓް ފަހު އައީ މެސެޖެކެވެ. މެސެޖް ދިގުވެފައި ނުރައްކާ ވެސްމެ އެވެ.

"ކަލޭ ރީލޯޑް ދިންތާ 24 ގަޑިއިރުނުވާނެ މިތަނަށް ފޯސް އައިސްފި. ކަލޭ ނޫން މީހަކަށް މަށެއް ވާހަކައެއް ނުދައްކަން އަނެއްކާ ފޯސް ދުވެފައި އައީ ސީދާ މިގޮޅިއަށް. މިއީ އިއްތިފާގެއް ނޫން. ކަލޭ ފަ.. ބަލަ، ބޅ ތޅއ ބުނެބަލަ ދޭ ނަންތަ މަގޭ އަތުން ގެއްލުނު ދެ ފޯނާއި ޗާޖަރު މަށައް ހޯދަ ދޭނަންތަ. ނުދޭނަންތަ، ކަލޭ ހީނުކުރައްޗޭ ގޭދޮށު ދެ މީހުން އަފްރާޝީމް މައްސަލައިގައި ގޮޅީގައި ތިބީމައި މީހުން ނެތޭ. ކަލޭ ހަމަނިދި ނިދަން ބޭނުމިއްޔާ ގެއްލުމުގެ ބަދަލުގައި 4500ރ. ދީ، އަދި އަންހެނުންގެ މޫނު ބަލަން ބޭނުމިއްޔާ،" މިއީ އެ ވަކީލަށް ޖަލުގެ ގައިދީއަކު ފޮނުވި އިންޒާރުގެ މެސެޖެވެ. ސަންއާ އެ މެސެޖް ހިއްސާކުރީއިރު އެ މައްސަލަ ފުލުހުންނަށާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.

އެ ވަކީލު ހުންނެވީ ބިރުވެރި ކަމުގަ އެވެ. އެ ކުށްވެރިޔާ ވަކީލު ދަނެ އެވެ. އަދި އެ ކުށްވެރިޔާއަށް ވަކީލުގެ މުޅި އާއިލާ ވެސް އިނގޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެ ކުށްވެރިޔާ ސަލާމަތްވާނީ ކޮންދުވަހަކު ކަމެއް ވަކީލަށް ވެސް ނޭނގެ އެވެ.

"އަޅުގަނޑު މި ހުރީ ބިރުވެރި ކަމުގައި. ފޯނުން އަޅުގަނޑު ނޫނަސް ކިތައް މީހުންނާ ގުޅާނެ. އަޅުގަނޑާއި ހަމަލަދޭން އެ މީހުން ރާވާފައި އޮތް ގޮތް ވެސް ތަސައްވަރު ވެސް ނުކުރެވޭ،" ވަކީލު ވިދާޅުވި އެވެ. އަދިވެސް އިތުރު އިންޒާރުތައް ވަކީލަށް އަންނަނީ އޮހެމުންނެވެ. އަދި ޖަލުގެ ގައިދީންގެ ބްލެކްމެއިލްގެ ކުޅިގަނޑުގައި ޖެހިފައި ހުރީ އެ ވަކީލް އެކަނި ނޫންކަމަށްވެސް ވެދާނެ އެވެ. މިއީ އެވާހަކަ ކިޔައިދޭން ކެރުނު ހަމަ އެކަނި ވަކީލު ކަމަށްވެސް ވެދާނެ އެވެ.

ތަފާތު އެކި ފަހަރު މަތިން ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކާއި ސިމް ކާޑުތައް ޖަލުގެ ގޮޅިތަކުން ނެގި ނަމަވެސް އެކަމަށް ހުއްޓުމެއް ނެތެވެ. ޖަލުގެ ގައިދީން ޖަލުގައި ތިބެ ރާވައިގެން މީހުން ބްލެކް މެއިލް ކުރުމުގެ ސިލްސިލާއެއް މިވަނީ ފަށައިފަ އެވެ.

އެކި ގޮތްގޮތުން މިއަހަރު ތެރޭގައި މަރާލި މީހުންގެ އަދަދު ނުވަ އަކަށް އަރާ އިރު މިފަދަ ކޮންމެ ކަމެއްގެ ނިމުމަކަށް އިޖުތިމާއީ އެތައް މައްސަލަތަކެއްގައި މުޖުތަމައު އޮންނަނީ ތާށިވެފަ އެވެ. މިކަން ވެސް ނުރައްކާތެރި ދަރަޖައަކަށް ދަނީ އެވެ. ޖަލުގެ ގައިދީންގެ ބްލެކްމެއިލްގެ ކުޅިގަނޑު މިވަނީ ހުއްޓުވަން ޖެހިފަ އެވެ.