29 Oct 2012, 11:11
ގދ. ފަރެސްމާތޮޑާގައި ގުރޫޕަކުން ގޮސް މީހަކަށް ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ފަރެސް އަވަށުގެ ކުރީގެ ބާ އޮފީސް ހުންނަ ސަރަހައްދުގައި އިއްޔެ މެންދުރު 2:30 އެހާކަންހާއިރު ހިންގި އެ މާރާމާރީގައި ޒަޚަމްވި މީހާގެ ބުރަކަށީގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.
އަދި އުމުރުން 24 އަހަރުގެ އެ މީހާ އަށް އެ އަތޮޅު ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ފަރެސް މާތޮޑާ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މާރާމާރީ ހިނގަން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.
އެ ހާދިސާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ އިރު، ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރާކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.