އަނަންތަރާ ރިޒޯޓްސް އަކީ އަބަދު ވެސް ތަފާތު ކަންތައްތައް ކުރުމަށް މަސައްކަތް ކުރަމުންދާ ރިޒޯޓް ޗޭނެކެވެ. އެގޮތުން ތަފާތު ވައްތަރުތަކުގެ ކޮފީތައް ތައާރަފް ކުރުމަކީ އަނަންތަރާ އިން ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން ރާއްޖެ އާއި ތައިލެންޑްގައިވާ އަނަންތަރާ ރިޒޯޓްތަކުން މިހާރު ވަނީ ތަފާތުގޮތަކަށް ރިފައިންކޮށްފައިވާ ކޮފީއެއް ވިއްކަން ފަށައިފަ އެވެ.

އެއްގަމުގައި އުޅޭ އެންމެ ބިޔަ ޖަނަވާރު "ނީލަގެރި އެތައް ކާންދީ ހަޖަމުކޮށް، ނަޖިހުގެ ގޮތުގައި ބޭރުކޮށްފައިވާ" ކަމަށް ކޮފީގައި ލޭބަލް ޖަހާފައިވާ ކޮފީއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކޮފީ އެވެ. އެ ކޮފީއަކީ އަނަންތަރާ އިން ތައާރަފްކުރި އައު ކޮފީވެސް މެ އެވެ.

އެތް ނަޖިހުގެ ގޮތުގައި ބޭރުކޮށްފައިވާ ކޮފީ ކިލޯއެއްގެ އަގަކީ 1100 ޑޮލަރެވެ. އެހެން ކަމުން އެއީ ތަށްޓަކަށް ގާތްގަނޑަކަށް 50 ޑޮލަރެވެ.

އަނަންތަރާ އިން ބުނާ ގޮތުގައި އެކޮފީގެ ހާއްސަ ކަމަކީ ކޮފީ ތައްޔާރުކުރަން ބޭނުންކުރާ ބީންސް އެތައް ކާންދީ ހަޖަމުކުރުމުގެ ސަބަބުން އޭގައިވާ ޕްރޮޓީންތައް ވަކިވަކިކޮށްލާފައި ވުމެވެ. އެ ޕްރޮޓީން ތަކަކީ ކޮފީގައި ހިތިރަހަ ލުމަށް މެދުވެރިވާ ސަބަބު ކަމަށް ދިރާސާކުރާ މީހުން ވަނީ ބުނެފަ އެވެ. އެހެންވެ ކޮފީ އަރުތެރެއިން ދިރިގެން ދާނީ އެތައް ކާންދީ ނަޖިހަށް ބޭރުކޮށްފައިވާކަން ހިތަށް އަރާވަރަށް ވުރެ މާ ފަސޭހަ އިން ކަމަށް ކޮފީތައްޔާރުކުރި ފަރާތުން ދައުވާކުރެ އެވެ.

އަނަންތަރާ ގްރޫޕުން އޭއެފްޕީ އަށް ފޮނުވި ސްޓޭޓްމެންޓެއްގައި ބުނެފައިވާ ގޮތުގައި ކޮފީ ބީންސް އެތައް ކާންދިނުމަށް ފަހު އޭތި ނަޖިސް ބޭރުކުރުމުން އެ ނަޖިހުގެ ތެރެއިން ބީންސްތައް ހޮވަނީ އެ ގެންގުޅޭ މީހުންނެވެ. އަދި އެއަށް ފަހު ބީންސްތައް އަލުން އަވިން ހިއްކަ އެވެ. ކޮފީ ހެދުމަށް ބޭނުންކުރަނީ އޭގެ ފަހުންނެވެ.

އެތަށް ކާންދީ ނަޖިހުގެ ގޮތުގައި ބޭރުކޮށްފައިވާ ކޮފީގެ އަގު ބޮޑު ނަމަވެސް، އޭގެ ޑިމާންޑާ ބެހޭ ގޮތުން އަނަންތަރާ އިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.