ކިޔޭވް (އޮކްޓޯބަރ 29): ޔުކްރޭންގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ޕާޓީ ކުރިހޯދަމުންދާ ކަމަށް ޚަބަރުލިބިއްޖެ އެވެ. މި ޚަބަރުތަކާ އެކު ރައީސް ވިކްޓަރ ޔަނަކޮވިޗް ވަނީ އޭނާގެ ޕާޓީން ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރިކަން އިޢްލާން ކުރައްވައިފަ އެވެ.

މިއިންތިޚާބުގައި މައިގަނޑުގޮތެއްގައި ވާދަކުރަމުންގެން ދަނީ ރަޝިޔާގެ ތާއީދުލިބިފައިވާ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ޕާޓީ އާއި އެޤައުމުގައި ނާކާމިޔާބުވި، ހުޅަނގަށް ތާއީދުކުރާ އޮރެންޖް ރިވޮލިއުޝަނަށް ނިސްބަތްވާ ޔޫލިޔާ ތިމޮޝިންކޯގެ އިދިކޮޅު އެލަޔަންސުންނެވެ.

ވެރިކަމުގައި ހުންނަވައިގެން ހިންގެވި ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި ޢަމަލުތަކެއް ސާބިތުވުމާ ގުޅިގެން އިދިކޮޅު ޒަޢީމާ އަދި ކުރީގެ ބޮޑުވަޒީރާ ޔޫލިޔާ ތިމޮޝިންކޯ މިހާރު ހުންނެވީ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކޮށްފަ އެވެ.

ކިޔޭވް އިން ލިބޭ ޚަބަރުތައް ބުނާ ގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ޕާޓީ އަށް ލިބިފައި ވަނީ 28 އިންސައްތަ ވޯޓެވެ. އިދިކޮޅު ޒަޢީމާ ތިމޮޝިންކޯގެ އެލަޔަންސަށް ލިބިފައިވަނީ 24 އިންސައްތަ ވޯޓެވެ. ތިންވަނާގައި އުޅޭކަމަށް ވަނީ ކޮމިއުނިސްޓް ޕާޓީ އެވެ. ހަތަރު ވަނާގައި އުޅޭކަމަށް ވަނީ މަޝްހޫރު ބޮކްސިން ޗެންޕިޔަން ވިޓާލީ ކެލިޗްކޯގެ ޕާޓީ އެވެ. މި ޚަބަރުތަކާ އެކު ރައީސް ވިކްޓާ ޔަނަކޮވިޗް ވަނީ އޭނާގެ ޕާޓީން ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރިކަން އިޢްލާން ކުރައްވާފަ އެވެ.

ނަމަވެސް ޔުކްރޭންގެ އިންތިޚާބާ ބެހޭ އިދާރާ އިން މިކަން ކަށަވަރުކޮށެއް ނުދެ އެވެ. ޔުކްރޭން ޕާލަމެންޓްރީ އިންތިޚާބު ކުރިޔަށްގޮސްފައި ވަނީ ހުޅަނގުގެ ޤައުމުތަކުގެ ގިނަ ޢަދަދެއްގެ އޮބާޒާވަރުންގެ ޙާޒިރުގަ އެވެ. އޮބްޒާވަރުން ވަނީ އިންތިޚާބު ކުރިޔަށްދިޔައީ އިންސާފުވެރިކޮށްކަމަށް ހާމަކޮށްފަ އެވެ. މިއިންތިޚާބު އޮބްޒާވް ކުރުމަށް ހުޅަނގުގެ އޮބްޒާވަރުން ގިނަ ޢަދަދަކަށް ގޮސްފައި ވަނީ ހުޅަނގުގެ ތާއީދު ލިބިފައިވާ އެޤައުމުގެ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާ ގުޅިގެން ކަމަށް ޚަބަރު ލިބެ އެވެ.

މިއިންތިޚާބަކީ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ އިތުރުން އިދިކޮޅު ޒަޢީމާ ތިމޮޝިންކޯއަށް ވެސް ވަރަށް މުހިއްމު އިންތިޚާބެއް ކަމަށް މުރާސިލުން ބުނެ އެވެ. މިއިންތިޚާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ ޔުކްރޭންގެ އިދިކޮޅު އެލަޔަންސް އިތުރަށް ބަލިކަށިވެ އިދިކޮޅު ޒަޢީމާ ޔޫލިޔާ ތިމޮޝިންކޯ ޖަލުން މިނިވަންވެ ވަޑައިގަތުމަށް ކުރައްވާ އުންމީދުތައް ފެނަށްދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)