29 Oct 2012, 10:38
ވޮޝިންޓަން (އޮކްޓޯބަރ 29): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ރަސްމީކޮށް ފެށުމަށް އެންމެ ހައެއްކަ ދުވަހަށް ވެފައިވާ އިރު ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންގެ ވޯޓުލުން ކުރިޔަށްދާ ކަމަށް ޚަބަރުލިބެ އެވެ.
އެމެރިކާގެ އިންތިޚާބާ ބެހޭ މަސްއޫލުވެރިން ހާމަކުރައްވާގޮތުގައި ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ އެތައް ލައްކަ ބަޔަކު ވޯޓުލުމުގެ ކަންތައް ޔޫރަޕްގެ އެކި ޤައުމުތަކުގައި މިއަދު ކުރިޔަށްދާނެ އެވެ. އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން މިއަދު ހެނދުނު ވޯޓުލާންފަށާފައިވާ އިރު ހުޅަނގު ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން ވެސް މިއަދު ވޯޓުލުމުގެ ކަންތައް ކުރިޔަށްގެންދާނެ އެވެ. ބޭރުޤައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންގެ ވޯޓަކީ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ ވާދަވެރިޔާ މިޓްރޮމްނީއަށް ވެސް ވަރަށް މުހިއްމު ވޯޓެއްކަމަށާއި މިއީ ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ވޯޓަކަށް ވެދާނެ ކަމަށް "ރޮއިޓާސް އިޕްސޮސް" އިން ކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެފައިވެ އެވެ.
ނަމަވެސް ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން 2008ގެ ރިޔާސީ އިންތިޚާބުގައި އޮބާމާ އަށް ވޯޓުދިނުމަށް އޮތް ޝައުޤުވެރިކަން މިފަހަރު އެމީހުންގެ ކިބައިން ފެންނަންނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ގިނަ ބަޔަކު އޮބާމާ އަށް ވޯޓުދިނުމަށް ބޭނުންވީ އެދުވަސްވަރު އެމެރިކާގެ ވެރިކަމުގައި ހުންނެވި ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝް ގެންގުޅުއްވި ހަނގުރާމަ އާއި ތަޅާފޮޅުމުގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އިޤްތިސާދު ހީނަރުވެ އެމެރިކާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓިގެންދާ ދިޔުމުން ސަލާމަތްވުމުގެ ބޭނުމުގަ އެވެ.
ބުޝްގެ ވެރިކަމުގައި އެމެރިކާ ވަނީ ޢިރާޤާއި އަފްޣާނިސްތާނައި ގުއަންޓެނާމޯ ޖަލާއި އެނޫން ސިއްރުޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފު އެތަށް ޖަރީމާތަކެއް މުސްލިމުންނާ ދެކޮޅަށް ހިންގާފަ އެވެ. އެމެރިކާ ހިންގަމުން ގެންދިޔަ މި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ސަބަބުން އެމެރިކާގެ ސޫރަވަނީ ވަރަށް ބޮޑަށް ހަޑިވެގެންގޮސްފަ އެވެ. އޮބާމާގެ ވެރިކަމުގައިވެސް ޑްރޯން ބޭނުންކޮށްގެން މީހުން މެރުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ޕާކިސްތާނާއި އަފްޣާނިސްތާނުގައި އެމެރިކާ ގެންގޮސްފައިވެ އެވެ. ނަމަވެސް އޮބާމާއަކީ ބުޝްގެ ހަރުކަށިކަމާއަޅާ ބަލާއިރު މައިތިރި ބޭފުޅެއްކަމަށް ވަނީ ބެލެވިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައި އޮބާމާ އާއި ރޮމްނީ ވަރަށް ބުރަކޮށް އަވަިނެތި އުޅުއްވާ އިރު އެމެރިކާގެ އިރުމަތީ އައްސޭރިއަށް އަރަމުންދާ ބާރުގަދަ ތޫފާން "ސެންޑީ" ގެސަބަބުން ދެބޭފުޅުންގެ ކޭންޕޭން ހަރަކާތްތަކަށް ވެސް ވަނީ ހުރަސްތަކެއް އެޅިފަ އެވެ. އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވާގޮތުގައި ރޮމްނީއަށް ވުރެ އޮބާމާ އުޅުއްވަނީ ތަންކޮޅެއް ކުރީގަ އެވެ. މިގޮތުން އޮބާމާ އަށް 47 އިންސައްތަ ތާއީދުކުރާކަން ހާމަވެފައިވާ އިރު ރޮމްނީގެ ތާއީދު އުޅެނީ 46 ގައިކަން "ރޮއިޓާސް އިޕްސޮސް" އިން މީގެ ތިން ދުވަސްކުރިން ކުރި ސާވޭއިން ހާމަވެފައިވެ އެވެ. (ނޫސްއެޖެންސީތައް)