29 Oct 2012, 10:34
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މެދުރާއްޖެތެރެ އާއި އުތުރުގެ ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖެ އަށް ގަދަވަޔާ އެކު ވިއްސާރަ ކުރަމުން ދަނީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕުރެރެޝާ ޓްރަފެއްގެސަބަބުން ކަމަށެވެ.
"ސްރީލަންކާގެ ޓުރިކޮލީގެ އިރުއިތުރުން ގާތްގަނޑަކަށް 350 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށްގަދަވެ މިކޮޅިގަނޑު ދަތުރުކުރަމުން ދަނީ ތަމިލްނާޑޫގެ އައްސޭރިފަށަށް،" އޮފިޝަލް ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވައި އެންމެ ގަދަވެފައި ވަނީ އިއްޔެ މެންދުރު ކަމަށާއި އެވަގުތު ގަޑިއަކު 48 މޭލު ބާރުމިނުގައި މާލެ އަށް ވައިޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެތީ ކަނޑުދަތުުކުރާ ފަރާތްތަކުން ސަމާލުވުމަށް އޮފިޝަލް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އަދި އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ދަތުރުތައް ކުރަމުން އަންނަ ދުވަސްވަރަކަށްވާ އިރު އީދާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބްތަކުގައި އަންނަނީ ހިންގުމުންނެވެ.