ނިއުދިއްލީ (އޮކްޓޯބަރު 28): އިންޑިޔާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ތަޖްރިބާކާރު ޑިޕްލޮމޭޓެއް ކަމަށްވާ ސަލްމާން ޚޫރަޝީދު ޢައްޔަން ކުރައްވައިފި އެވެ.

އުމުރުން 59 އަހަރުގެ ސަލްމާން މިމަޤާމަށް ޢައްޔަން ކުރައްވާފައި މިވަނީ ބޮޑުވަޒީރު މަންމޯހަން ސިންގް އިންޑިޔާގެ ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކެއްގެ ތެރެއިންނެވެ. އިންޑިޔާގެ ފެޑްރަލް ކެބިނެޓަށް މަންމޯހަން ސިންގް މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި މުޅިން އައު ހަތް ބޭފުޅަކު ކެބިނެޓަށް ގެންނަވާފައިވާ ކަމަށާއި އެއީ މިހާރު ކެބިނެޓްގައި ތިއްބެވި ބޭފުޅުންނަށް ވުރެ ޢުމުރުން ހަނގު ބޭފުޅުން ކަމަށް ޚަބަރު ލިބެ އެވެ.

އިންޑިޔާގެ އައު ޚާރިޖީ ވަޒީރު ސަލްމާން ޚޫރަޝީދު މީގެ ކުރިން ހުންނެވީ ފެޑްރަލް ކެބިނެޓްގެ ޤާނޫނީ ކަންތައްތަކާ ބެހޭ ވަޒީރުކަމުގެ މަޤާމުގަ އެވެ. ނަމަވެސް އޭގެ ކުރިން ޖޫނިޔާ ފޮރިން މިނިސްޓަރު ކަމުގެ މަޤާމް ސަލްމާން އަދާކުރައްވާފައިވެ އެވެ. އިންޑިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ސަމަންހެލީ ކްރިޝްނާ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. (ރޮއިޓާސް)