ދ. މާއެނބޫދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަނީފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާދެއްވުމަށް ފަހު ސަންއާ ވާހަކަ ދައްކަވަމުން ހަނީފް ވިދާޅުވީ އޭނާ ކައުސިލްގެ ރައީސް ކަމުން އިސްތިއުފާދިނީ އޭނާ އަށް ވުރެ މޮޅު ބޭފުޅުން ކައުންސިލްގައި ތިއްބެވުމާ އެކު ކަމަށާއި ކުރިއަށް އޮތްތާގައި ކައުންސިލަރު ކަމުން ވެސް އިސްތިއުފާ ދޭނެ ކަމަށެވެ.

"އަޅުގަނޑަށްވުރެ މޮޅެތި މީހުން ކައުންސިލްގައި އެބަތިބި. އަޅުގަނޑު އެދެނީ މާނބޫދޫ އެންމެ ރަނގަޅަށް ހިނގުން. ކުރިއަށް އޮތްތާގައި ކައުންސިލަރުކަމުން އިސްތިއުފާދޭން ނިންމައިގެން އަޅުގަނޑު މިހުރީ،" ހަނީފް ވިދާޅުވި އެވެ.

ހަނީފަކީ އެމްޑީޕީ ޓިކެޓްގައި އެރަށު ކައުންސިލަށް އިންތިޚާބުވި ބޭފުޅެކެވެ. އޭނާގެ އިތުރުން ދެން އެ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުންނެވެ.

ކައުންސިލްގެ ރައީސްކަމަށް ހަނީފް ހޮއްވާފައި ވަނީ އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އަބްދުއްރަޝީދު ހުސެއިން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަބްދުއް ރަޝީދަކީ އަމިއްލަގޮތުން އެ ކައުންސިލަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރެކެވެ.