28 Oct 2012, 16:36
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭން އެއްބަސްވި 25 މިލިއަން ޑޮލަރުގެ ލޯނު އަދިވެސް ނުލިބި ލަސްވަނީ ޖީއެމްއާރުގެ މައްސަލައިގައި ކަމަށް ގަބޫލުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އަންނަނީ އެއާޕޯޓް ހިންގާ އިންޑިއާގެ ޖީއެމްއާރު ކުންފުނި ބޭރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނެވި، ފިނޭންސް މިނިސްޓަރު ޖިހާދު މިއަދު ސަން އޮންލައިނަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ދޭން އެއްބަސްވި ލޯނު އަދި ވެސް ނުލިބޭތީ ހައިކޮމިޝަން މެދުވެރިކޮށް ވެސް އެކި ފަހަރު މަތިން އެ ލޯނު އަވަސް ކުރުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެކި ފަހަރުމަތިން މަސައްކަތް ކޮށްފިން. ނަމަވެސް އަދިވެސް ނުދެއްވާ. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ލޯނު އަދި ވެސް ނުލިބިގެން މި އުޅެނީ ޖީއެމްއާރުގެ މައްސަލަ މިދޭތެރޭގައި އުޅޭތީހެން،" ޖިހާދު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ޓްރޭޑް ކްރިޑިޓަށް ކަޑައަޅާފައިވާ 50 މިލިއަން ޑޮލަރުގެ ތެރެއިން 25 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ހަމަޖައްސަައިދިނުމަށް އިންޑިއާ ސަރުކާރުން ވަނީ މިދިޔަ މަހު ފާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ ލޯނު ނަގަން ފިނޭންސަށް ވަނީ މިދިޔަ މަހުގެ ތެރޭގައި ހުއްދަ ވެސް ދީފަ އެވެ.
ޖިހާދު ވިދާޅުވީ އެ ލޯނު ނުލިބުމުގެ ސަބަބުން ދައުލަތުގެ ރިކަރަންޓް ހަރަދުތައް މި އަހަރުގެ ބާކީ މި އޮތް މަސްތަކުގައި ހަމަޖައްސަން ޖެހޭނީ ވަރަށް ތާށިކޮށް ކަމަށާއި އެ ހަރަދުތައް ރަނގަޅަށް ހަމަނުޖެއްސިދާނެތީ އެކަމާ ކަންބޮޑުވެ ވަޑައިގަތް ހުންނެވި ކަމަށެވެ.
"މުވައްޒިފުންގެ މުސާރަ އާއި އެހެނިހެން ވެސް ރިކަރަންޓް ހަރަދުތަކުގެ ކަންތައްތަކުގައި، އެ ލޯނު ނުލިބުމުން އަޅުގަނޑު އަދިވެސް މި ހުންނަނީ ވަރަށް ހާސްވެފައި،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ދައުލަތުގެ ރިކަރަންޓް ހަރަދުތައް އުނދަގުލުން ހަމަޖައްސަމުން ދާއިރު ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް ލަފާކުރި ވަރަށް އެހީ ވެސް ލިބެމުން ނުދާތީ ދައުލަތަށް ވަންނަ އާމްދަނީ މަދުވާ ކަމަށެވެ. ކަރަންޓް ބިލްތަކުގެ މައްސަލައިގައި ފިނޭންސަށް ރައްދު ކުރާ ބަހުގެ ހަމަލާތަކުގެ ދިފާއުގައި ޖިހާދު ވިދާޅުވީ ދައުލަތުގައި ނެތް އެއްޗަކުން ހަރަދު ނުކުރެވޭނެ ކަމަށާއި ކަރަންޓް ބިލްތައް ވެސް ނުދެއްކި ވަނީ އެހެންވެގެން ކަމަށެވެ.
"ބޭރުގެ އެހީ ބަޖެޓް ކުރިވަރަށް ނުލިބޭ. އެހެންވީމާ ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލަށް އަޅުގަނޑުމެން ކިހިނެއްތޯ ހަރަދު ކުރާނީ، ފައިސާ ނެތިސް. އެ ބިލްތައް ވެސް ނުދެކި އެވަނީ އެހެންވެ، އަޅުގަނޑުމެންނަށް ނުލިބޭ ފައިސާއެއް ނެތިން ހަރަދުކުރާކަށް،" ޖިހާދު ވިދާޅުވި އެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި މާލޭ ހެލްތް ކޯޕަރޭޝަން އަދި މާލޭ ސިޓީ ކައުންސިލްގެ ކަރަންޓް ބިލްތައް ނުދެއްކި ވަނީ ތޮއްޖެހިފަ އެވެ. އެ ބިލްތައް އެތައް މިލިއަން ރުފިޔާ އަކަށް އަރަ އެވެ. ދާދިފަހުން މަޖިލީހުގައި ވެސް ޖިހާދު ވިދާޅުވެފައި ވަނީ މި އަހަރުގެ ފަހު ތިން މަސްދުވަހުގެ ހަރަދުތައް ހަމަޖައްސާނެ ގޮތެއް އަދި ރޭވިފައި ވެސް ނެތް ކަމަށެވެ.