28 Oct 2012, 15:58
އަމިއްލައަށް ގެއިން ނުކުމެ، ފިލައިގެން އުޅޭ 13 އަހަރުގެ އަންހެން ކުއްޖަކު ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހުގެރޭ 11:15 އެހާކަންހާއިރު ގެއިން ނުކުމެގެން ފިލާފައި ވަނީ ގ. ހުރަސްފަރު ޔަޝްފާ އަހުމަދު 13، ކަމަށެވެ.
މިދިޔަ މަހު ވެސް ވަނީ ޔަޝްފާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކޮށްފަ އެވެ. އެފަހަރު ޔަޝްފާ ފެނިފައި ވަނީ ގަލޮޅުގެއެއްގެ ތެރޭގައި ހުއްޓަ އެވެ.
އާއިލާގެ އެދުމުގެ މަތިން ފުލުހުން އެކުއްޖާ ހޯދަމުން އަންނަ އިރު، އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޔަޝްފާ އެންމެ ފަހުން ފެނިފައި ވަނީ ހުރަސްފަރު ގެއިންކަމަށާއި އެވަގުތު އޭނާ ލައިގެން ހުރީ ހުދުކުލަ އާއި ކަޅުކުލައިގެ ރޮނގުދެމި ޓޮޕަކާއި ކަޅު ކުލައިގެ ޓައިޓެއް ކަމަށެވެ. އަދި އޭރު އެ ކުއްޖާ ހުރީ ކަޅުކުލައިގެ ޝޯލްއެއް އަޅައިގެން ކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެ އެވެ.