28 Oct 2012, 14:46
ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް ޕްރިމިއާ ލީގުގެ އެއްވަނަ މަގާމުގައި މިވަގުތު އޮތް ޗެލްސީއާ ދެކޮޅަށް މިރޭ ނިކުންނާނީ ހިތްވަރާ އެކު މޮޅެއް ހޯދާ ލީގުގެ ދެ ވަނަ މަގާމް ހޯދުމުގެ އުންމީދުގައި ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ރާއްޖޭ ގަޑިން މިރޭ 9:00 ޖަހާއިރު ކުޅޭ މެޗުގެ ކުރިން ޔުނައިޓެޑުގެ ކޯޗް ފާގަސަން ބުނީ، ޓީމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަނިޔާގެ މައްސަލަ ކަމަށާއި އެގޮތުން މިރޭ ޗެލްސީއާ ދެކޮލަށް ނިކުންނައިރު ޓީމުގެ މުހިންމު ފަސް ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންނަކީ ޖަޕާން މިޑްފީލްޑަރު ސިންޖީ ކަގާވާ އާއި ޑެންކާމްގެ ގޯލްކީޕަރު އަންދްރެސް ލިންޑެގާޑާއި ކެޕްޓަން ނެމަންޔާ ވިޑިޗާއި ފިލް ޖޯންސް އާއި ކްރިސް ސްމޯލިންގެވެ.
ފާގަސަން ބުނީ، މުހިންމު ކުޅުންތެރިންތަކެއް ނުލައި މިރޭ ޗެލްސީއާ ދެކޮލަށް ނިކުންނާނީ، ޗެލްސީ އަކީ ލީގް ތާވަލްގެ އެންމެ ގަދަ ބާރު ކަމަށް ދެކެ، ޗެލްސީ އަތުން މޮޅުވުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. އަދި މިރޭ ޔުނައިޓެޑުން ނުކުންނާނެ ފުރަތަމަ 11 ކުޅުންތެރިންނަކީ މިވަގުތަށް ނެގޭނެ އެންމެ ވަރުގަދަ ކުޅުންތެރިން ކަމަށް ވެސް ފާގަސަން ބުންޏެވެ.
"އަހަރުމެން ޗެލްސީ އަތުން މޮޅުވުމަށް ވަރަށް ދުރާލާ ތައްޔާރީތަކެއް ވެއްޖެއިން. އެކަމަކު ޓީމުގެ މުހިންމު ކުޅުންތެރިން ތިބީ އަނިޔާގައި. ޗެލްސީ އަތުން މޮޅެއް ހޯދާ ލީގްތާވަލްގެ ދެ ވަނަ މަގާމަށް ކުރިއަށް ޖެހިލުމަކީ ޔުނައިޓެޑްގެ ޓާގެޓެއް." ފާގަސަން ބުންޏެވެ.
މިރޭގެ މެޗުގެ ކުރިން ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމެޓިއޯ ބުނީ، ޔުނައިޓެޑްގެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލައާ ކުރިމަތި ލާންޖެހުނެއް ކަމަކު، ޗެލްސީއިން މިރޭ ޔުނައިޓެޑުން ނުކުންނަ ފުރަތަމަ 11 ކުޅުންތެރިންނާ މެދު ހާއްސަ ސަމާލް ކަމެއް ދޭނެ ކަމަށެވެ.
މިރޭގެ މެޗަށް މި ދެ ޓީމް ނިކުނައިރު ލީގް ތާވަލްގެ އެއްވަނަ މަގާމްގައި ޗެލްސީ އޮތީ 22 ޕޮއިންޓާ އެކު އެވެ. އަދި ޔުނައިޓެޑް ތާވަލްގެ ތިން ވަނަ މަގާމްގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި މިވަގުތު އޮތީ ރޭ ސްވަންސީ ސިޓީ އަތުން 1-0 ލަނޑުން މޮޅުވި މެންޗެސްޓާ ސިޓީއެވެ. އެގޮތުން ދެ ވަނަގައި އެ ޓީމް އޮތީ 21 ޕޮއިންޓާ އެކު އެވެ.