ނ. ވެލިދޫގައި ހިންގި ސިލްސިލާ މާރާމާރީއެއްގައި ދެ މީހަކު ޒަޚަމް ކޮށްލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަނިޔާވި ދެ މީހުންނަށް ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ރޭ ދަންވަރު 2:15 އެހާކަންހާއިރު ވެލިދޫ ސަހަރާކައިރީ ކަމަށެވެ. ގުރޫޕަކުން ގޮސް މީހަކަށް ހަމަލަދީ ހިންގި އެ މާރާމާރީގައި އެމީހާގެ އަތުގެ ތަންތަން މަށައިގެން ގޮސް ބޯފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވައްކަމުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ އެ މީހާ ބޭސްފަރުވާއަށް ގޭބަންދަން ބަދަލުކޮށްފައި ހުއްޓައި އޭނާގެ ގައިގައި ގުރޫޕަކުން ގޮސް ތަޅައިގަތީ، އޭނާ ރަށުތެރެއަށް ނުކުމެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، އާންމުން ނިދާފައި ތިއްބައި ގޭގޭގެ ދޮރުގައި ތަޅައި އުނދަގޫ ކުރާތީ އެވެ.

އަދި ރޭ ފަތިހު 5:30އެހާކަންހާ އިރު ދެވަނަ މާރާމާރީ ހިނގާފައި ވަނީ ފުރަތަމަ މާރާމާރީގައި އަނިޔާވި މީހާގެ އާއިލާގެ މީހުންނާއި ފުރަތަމަ މާރާމާރީ ހިންގި ގުރޫޕާ ދެމެދު އެވެ.

ފުލުހުން ބުނީ އެ ރަށު ބަނދަރު ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދުގައި ރޭ ފަތިހު ހިންގި މާރާމާރީގައި އެކެއްގެ އަތުގެ މުލައްދަނޑިން ތިން އިންޗިހާތަން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރާއި 35 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.