ކެނެޑާ (އޮކްޓޯބަރު 28) – ރެކްޓާ މިންގަނޑުން 7.7ގައި ކެނެޑާގެ ހުޅަނގު އުތުރު ސަރަހައްދުތަކަށް މިއަދު އައި ބާރުގަދަ ބިންހެލުމާ އެކު އެމެރިކާގެ ހަވާއީގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

ޓޫރިސްޓުންގެ މެދުގައި މަގްބޫލު މޫދު ކުޅިވަރުތަކަށް މަޝްހޫރު ހަވާއީން މިހާރު އަޑުއިވެނީ ސުނާމީ އަށް އިންޒާރު ކުރާ ސައިރަންގެ އަޑެވެ. ޕެސިފިކް ސުނާމީ ސެންޓަރުން ލަފާކޮށްފައި ވަނީ ބައެއް ސަރަހައްދުތަކަށް ހަ ފޫޓުގެ ބިޔަ ރާޅުތައް އެރުމަކީ ގާތްކަމެއް ކަމަށެވެ. އަދި އެކަމަށް ކުއްލި ފިޔަވަޅުތައް އެޅުމަށް އެ ސެންޓަރުން ވަނީ އިންޒާރުކޮށްފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭން ލަފާކުރާ ގޮތުގައި އެ ބިންހެލުން އައިސްފައި ވަނީ ބިމުގެ 18 ކިލޯމީޓަރު އަޑިއަށެވެ. އެ ބިންހެލުމާ އެކު މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނުކަން އަދި ރިޕޯޓްކޮށްފައި ނުވާ އިރު އެލަސްކާ އާއި ކޮލަމްބިއާ އަށް ނެރުނު ސުނާމީގެ އިންޒާރުގެ ދަރަޖަ ވަނީ ދަށްކޮށްފަ އެވެ. ސުނާމީގެ ފުރަތަމަ ރާޅު އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ ޖީއެމްޓީ ގަޑިން މިއަދު 8:30 ގަ އެވެ.

"މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރަން ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ،" އެލާޓްގައިވެ އެވެ.

އެ އިންޒާރާ އެކު އެތައް ހާސްބަޔަކު ސަލާމަތްތެރި، އުސް ހިސާބުތަކަށް މިސްރާބުވަނީ ޖަހައިފަ އެވެ. އެއާ އެކު އެލަސްކާ އާއި ހަވާއީ އަދި ކޮލަމްބިއާގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. – އޭޕީ