އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީ އަތުން 1- 0 ލަނޑުން މޮޅުވެ، ލީގް ތާވަލްގެ ދެ ވަނަ މަގާމަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ސްވަންސީ ކޮޅަށް އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ކާލޮސް ޓެވޭޒް އެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާ އެކު އެވެ. އަދި މެޗުން ބަލިވި ސްވަންސީ ސިޓީ އޮތީ ލީގުގެ 10 ވަނަ މަގާމުގައި 11 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނަ މާގާމުގައި އޮތީ 22 ޕޮއިންޓާ އެކު ޗެލްސީ އެވެ. ނަމަވެސް ޗެލްސީލީ ލީގުގައި އަދި ކުޅެފައި ވަނީ ޖުމްލަ އަށް މެޗެޗެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، މެޗުން މޮޅުވެ ލީގުގެ އެއްވަނަ މަގާމުގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު އެއްޕޮއިންޓަށް ކުޑަކޮށްލުމުން އުފާވާ ކަމަށާއި ލީގުގައި ބާކީ ހުރި މެޗްތައް ކާމިޔާބު ކުރުމަށް ވެސް އާހިތްވަރެއް ލިބިގެން ހިގައްޖެ ކަމަށެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާ އިރު، ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަތުން 1- 0 ލަނޑުން މޮޅުވެ އާސެނަލް ވެސް ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި ރޭ ސްޓޯކް ސިޓީ އާއި ސަންޑަލޭންޑް ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު، ނޯވިޗް ސިޓީ އަތުން އެސްޓަން ވިލާ މޮޅުވީ 1- 0 ލަނޑުން ނެވެ. އަދި ރެޑިން އާއި ފުލަމް މެޗު 3-3 ލަނޑުން އެއްވަރުވި އިރު، ވިގަން ވެސް ރޭ ވަނީ 2-1 ލަނޑުން ި ވެސްޓް ހޭމް އަތުން މޮޅުވެފަ އެވެ.

ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިރޭ ޗެލްސީ އާއި، ތާވަލްގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނެ އެވެ.