28 Oct 2012, 13:52
އަލަށް އެކުލަވައި ލެވުނު ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ގެންނަން ނިންމި އިސްލާހުތަކާ މެދު ޕާޓީތަކުގެ ހިޔާލު ތަފާތުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބިލަށް މިދިޔަ ހަފްތާތެރޭ ގެނައި އެންމެ މުހިންމު ދެ އިސްލާހަކީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 5000 މީހުން ހަމަވެގެން ކަމަށް ހަމަޖެއްސުމެވެ. އަނެއް އިސްލާހަކީ ޕާޓީތަކަށް ބަޖެޓުން ފައިސާ ދޫކުރެވޭނީ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވެގެން ކަމަށް ކަޑައެޅުމުގެ އިސްލާހެވެ.
ކޮމެޓީގެ މި ނިންމުމާ މެދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޮޑެތި ޕާޓީތަކުން އާ ބަސް ބުނާއިރު ކުދި ޕާޓީތަކުގެ ހިޔާލު އެ އިސްލާހުތަކާ މެދު މުޅީންހެން ދެކޮޅެވެ. ކުދި ޕާޓީތަކުގެ ތުހުމަތުގެ އިނގިލި މަޖިލީހުގެ މެންބަރުންނަށް ދިއްކުރެވެނީ ސިޔާސީ ކުދި ފިކުރުތައް މަރާލުމުގެ މަސައްކަތެއްގެ ގޮތުގަ އެވެ.
އެ ހިޔާލުތަކާ މުޅީން ދެކޮޅު ނޫނަސް ބައެއް ޕާޓީތަކުން ދެކެނީ ޕާޓީތަކަށްދޭ ފައިސާ ދޫކުރަން ވާނީ އެ ޕާޓީއެއްގައި މެންބަރުން ތިބޭ ނިސްބަތަކަށް ބަލާފައި ނޫން ކަމަށާއި ފައިސާ ދޫކުރަންވާނީ އިންތިހާބުތަކުގައި އެ ޕާޓީއަކަށް ވޯޓް ލިބޭ ނިސްބަތައް ބަލާފައި ކަމަށެވެ. ބޮޑަތި ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޑީއާރުޕީގެ ވިސްނުން ވެސް ހުރީ މިހެންނެވެ.
އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމުގައި މެންބަރުންގެ ރަޖިސްޓްރީއަށް ބެލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ ނިސްބަތުން ޕާޓީތަކަށް ފައިސާ ދޭން ޖެހޭ ކަމަށް އޭނާ ދެކިލައްވަ އެވެ.
"އަޅގަނޑުމެންގެ ޕާޓިން އަދި އެ މައްސަލައިގައި ގޮތެއް ނުނިންމި ނަމަވެސް، ފްރީ ލެވެލް އެއް ކަނޑައަޅަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. އެލެވެލްގެ އަދަދު އަޅުގަނޑުމެންގެ ޕާޓީން ނިންމާނީ. ޕާޓީއެއް އުފައްދަން އޮތް އަދަދު ރަނގަޅު. އެކަމަކު ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީގެ ފިކުރަށް ވޯޓްލާ މީހުންގެ ނިސްބަތުން ފައިސާ ދޭކަހަލަ ގޮތެއް ތަޢާރަފް ކުރުމަކީ މިކަމުގެ ދާއިމީ ހައްލަކަށް ވެދާނެ. ސިޔާސީ ޕާޓީ އަށް ފައިސާ ލިބޭނީ މެންބަރުންގެ އަދަދަށް ބަލާފައި ކަމަށް ވަންޏާ ވަރަށް ބޭއިންސާފު،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ފައިސާގެ ނުފޫޒް ބޭނުން ކުރުން އާންމުވެފައިވާ އިރު އެފަދަ ގޮތަކަށް ގާނޫނު ބައްޓަން ވުމުން ފައިސާ ހޯދުމުގެ ރޫހުގައި ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ސަގާފަތެއް ދިރިގެން ހިނގައިދާނެ ކަމަށެވެ.
މެންބަރުން ތިބޭ އަދަދަށް ފައިސާ ދިނުމުގެ ފޯމިއުލާއަކީ ސިޔާސީ ކުދި ޕާޓީ ތަކަށް ދެވޭ ހަމަލައެއްގެ ގޮތުގައި މައުސޫމް ސިފަ ކުރެއްވި އެވެ.
"މިހާރު ބިލް ނިންމާފައި އޮތް ގޮތުން ހަމަ ކުދި ޕާޓީ ތަކަށް ދެވޭ ހަމަލާއެއް މީ. މި ހަމަލާގައި ޒިންމާދާރު ކަމާއެކުގައި މަސއްކަތް ކުރަން އުޅޭ ބައެއް ސިޔާސީ ޕާޓީ ތަކަގެ ހައްގު އެބަ ގެއްލޭ،" މައުސޫމް ވިދާޅުވި އެވެ.
ނަމަވެސް މައުސޫމް ވެސް ގަބޫލުކުރައްވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ނުވާ ޕާޓީތަކާއި ތިންހާސް މީހުން ހަމަނުވާ ޕާޓީތައް އުވާލެނެ ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ނިންމާ ނިންމުމަކުން ކުދި ޕާޓީތައް ނެތިގެންދާ ފަދަ ނިންމުމެއް ޑީއާރުޕީން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވިސްނުން ޑީއާރުޕީއާ އަދި ތަފާތެވެ. އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ މިހާރު ކޮމެޓީން ނިންމާފައިވާ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުންތަކެއް ކަމަށާއި އެކަމަށް އެ ޕާޓީން ފުރިހަމައަށް ތައީދު ކުރާ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން މުސްތަގުބަލުގައި ސިޔާސީ ޕާޓީ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށް އެ ޕާޓީން ދެކޭކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެންމެ ފަހުން ބޭއްވުނު ގައުމީ ހިންގާ ކޮމެޓީގަ ޕާޓީގެ ލީޑަރު އެކަން ފާހަނގަ ކުރެއްވި. އެއީ މިހާރު ކޮމެޓީން ވެސް ނިންމާފައި އޮތް ނިންމުން ކަމަށާއި އެކަން އެއީ އަޅުގަނޑުމެންނަށް ވެސް ގަބޫލު ކުރެވޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ. އެހެންވީމާ އަޅުގަނޑުމެން އެކަމަށް ތާއިދު ކުރަން،"ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ނިންމުންތަކަށް އެންމެ ބޮޑަށް ތާއިދު ކުރެއްވީ އެ ނިންމުމުގެ ސަބަބުން ސިޔާސީ ޕާޓީތައް ހަދައިގެން ދައުލަތުން ނާޖާއިޒް ގޮތުގައި ފައިސާ ނަގާ ނެގުން ހުއްޓުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އަދި ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ސިޔާސީ ޕާޓީތައް ހަރުދަނާ ކަމާ އެކު ހަރަކާތްތެރިވަމުން ދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"ކުދި ޕާޓީތައް ހަލާކުވެގެން ދާނެ ކަމަށް ނުދެކެން،" ޑީޑީ ވިދާޅުވި އެވެ.
ސިޔާސީ މައިދާނުގައި މިހާރު އެންމެ ނުފޫޒް ގަދަ އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ވިސްނުން މި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ވިސްނުމާ ވަރަށް އެއްގޮތެވެ. އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު އަދި ޕާޓީގެ އިންތިގާލީ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ސިޔާސީ ޕާޓީގެ ބިލަށް މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ ނިންމުމަކީ އެ ޕާޓިން ފުރިހަމަޔަށް ތާއިދު ކުރާ ނިންމުމެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ ސިޔާސީ ޕާޓީއެއް ހެދުމަކީ އެއީ ހަމަ ވަރަށް ބޮޑު ކަމެއް. ސިޔާސީ ޕާޓީ އެއްގެ އެންމެ މުހިންމު މަގުސަދަކަށް ވާނީ ޕާޓީ ނިޒާމުގެ ތެރެއިން ވެރިކަމަށް އައުން. ނޫނީ ވެރިކަމުގަ ބައިވެރިވުން. އެހެން ކަމަށް ވާއިރު އެކަށީގެންވާ ރައްޔިތެއް އެބަޔަކު ތަމްސީލް ކުރެވިގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެފުރުސަތު ލިބެން ވާނީ. އެހެން ވީމައި އަޅުގަނޑުމެން އެ ނިންމުމަށް ތާއިދު ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ޕާޓީން އެ ނިންމުންތަކަށް ތާއީދު ކުރާ މައިގަނޑު ސަބަބަކީ 3000 މީހުން ހަމަކޮށް ޕާޓީ ހެދި ކަމުގައި ވިޔަސް އެ އަދަދު ދައްވެގެން ދިއުމުން ވެސް ވެސް އެ ޕާޓީއެއް އުވާލެވޭނެ ގޮތެއް ނޯންނާތީ އެކަން ހުއްޓުވުމަށް ރަނގަޅު ފިޔަވަޅެއް ކަމަށް ދެކޭތީ ކަމަށެވެ.
ނަމަވެސް ކުދި ޕާޓީތަކުގެ ތެރެއިން އައިޑީޕީގެ ވިސްނުން އެއާ މުޅިން ދެކޮޅެވެ. އެ ޕާޓީގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ އެ ނިންމުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ނައްތާލައި ރައްޖެއަށް ހުދު މުހުތާރު ވެރިކަމެއް ގެނައުމުގެ ބޭނުމުގައި ބަޔަކު އަޑީގައިތިބެގެން ހިންގި އަމަލެއް ކަމަށެވެ.
"އައިޑީޕީން ދެކޭ ގޮތުގައި މި ކަމަކީ މަލްޓީ ޕާޓީ ޑިމޮކުރެސީއެއް މިގައުމުގަ ނައްތާލައި ހުދުމުހުތާރް ވެރިކަމެއް މިގައުމުގަ އާލާ ކުރުމަށް ކޮންމެސް ބަޔަކު އަޑީގަތިބެގެން ހިންގާ ކަމެއް." ޒަރީރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޕާޓީ އަކަށް ފައިސާ ދުކުރެވޭނީ 10،000 މީހުން ހަމަ ވެގެން ކަމަށްވާ ނަމަ މަޖިލިސް މެންބަރުން ވެސް އިންތިހާބު ކުރަންވާނީ ކޮންމެ 10،000 މީހުން ހަމަވާ ދާއިރާއަކަށް މެންބަރެއް ކަމަށެވެ.
ސިޔާސީ ޕާޓީގެ ބިލުގައި ހިމަނަން ހުށަހެޅި ދެ އިސްލާހަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް ތާއިދު ކުރެ އެވެ. އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވީ ކޮމެޓީން އެ ނިންމުމަކީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރުން ތާއިދު ކުރައްވާގެން ފާސްވި ނިންމުމެއް ކަމަށާއި އެ ނިންމުމަށް އެ ޕާޓީގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ.
އެކަމަށް ތާއިދު ކުރި މައިގަނޑު ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ދައުލަތުން ޕާޓީ ތަކަށް ދޭ ފައިސާ ދޫކުރަން ވާނީ ސިޔާސީ ގޮތުން ހަރަކާތްތެރި ޕާޓީތަކަށް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ދާއިރާތަކުން މެންބަރުން އިންތިހާބް ކުރަނީ ދާއިރާއަކަށް 5000 މީހުން ބަލައިގެން ކަމަށާއި އެހެން ކަމުން ސިޔާސީ ޕާޓީ އެއްގައި ވެސް މަދުވެގެން އެ އަދަދަށް މީހުން ތިބެން ޖެހޭނެ ކަމަށް އެ ޕާޓީން ކުރާތީ ކަމަށެވެ.
އަލަށް އެކުލަވާލައި ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 5000 މީހުން ހަމަވެގެން ކަމާއި އަދި ޕާޓީތަކަށް ބަޖެޓުން ފައިސާ ދޫކުރެވޭނީ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވެގެން ކަމަށް ކޮމެޓީން ފާސްކުރީ ސާފު އަޣުލަބިއްޔަތުންނެވެ. އެ ބިލަށް ގެނައި އިސްލާހުގެ ދަށުން ސިޔާސީ ޕާޓީގެ ގާނޫނަށް ޢަމަލުކުރަން ފަށާއިރު 5000 މީހުންނަށް ވުރެ މަދުން މެންބަރު ތިބި ޕާޓީ ތަކަށް މީހުން ހަމަ ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތު ދެވޭނެ އެވެ.
ކޮމެޓީން ނިންމި އިސްލާހުތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބައްޓަން ވެގެންދާނީ މަޖިލީހުގެ ތަޅުމަށް ބިލްހުށަހަޅާ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލް ފާސްކުރުމުންނެވެ.