28 Oct 2012, 13:07
އިންޖީނުލީ އެއްގަމު އުޅަނދުތައް ތާޑް ޕާޓީ އިންޝުއަރެންސް ކުރުމަށް އެންގުމުން 80 ޕަސެންޓް ވެހިކަލް އިންޝުއަރެންސް ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓިން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓިގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތާޑް ޕާޓި އިންޝްއަރެންސް ކުރުމަށް އެންގުމުން ގިނަ ބައެއްގެ ތަރުހީބު އެކަމަށް ލިބުނު ކަމަށާއި އެގޮތުން 80 ޕަސެންޓް ވެހިކަލް މިހާރު އިންޝްއަރެންސް ކޮށްފައިވާ ކަމަށެވެ. އިންޝުއަރެންސް ނުކޮށް ހުރި ވެހިކަލްތައް އިންޝުއަރެންސް ނުކުރެވި ވަނީ ބޭނުންވާ ޑޮކިއުމެންޓްތައް ނުލިބިގެން ކަމަށްވެސް ނާފިޒް ވިދާޅުވި އެވެ.
"އިންޝުއަރެންސް ނުކޮށް ހުރި ގިނަ އުޅަދުތަކުގެ ތެރޭގައި ހިމެނެނީ ވެހިކަލް ވިއްކާލުމަށްފަހު ރަޖިސްޓްރީ ބަދަލުނުކޮށް ހުރުމުގެ ސަބަބުން އިންޝްއަރެންސް ނުކުރެވިހުރި ވެހިކަލްތަކާއި ބިދޭސީންގެ ރަޖިސްޓްރީގައި ހުރި ބައެއް އުންދަޅުތައް،" ނާފިޒް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިންޝުއަރެންސް ނުކޮށްހުރި ވެހިކަލްތަށް ގަވާއިދާއި އެއްގޮތަށް 750ރ. އިން މިހާރު ޖޫރިމަނާކުރަމުން އަންނަ ކަމަށެވެ. އެފަދަ ފަރާތްތަކުން އިންޝްއަރެންސް ކަންތައްތައް އަވަހަށް ހަމަޖެއްސުމަށް މިހާރު އަންގަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ތާޑް ޕާޓީ އިންޝުއަރެންސް އަކީ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނޫނީ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލުދެވޭގޮތަށް ނަގާ އިންސްއަރެންސް ޕްލޭންއެކެވެ. ތާޑް ޕާޓީ އިންޝުއަރެންސުގެ ދަށުން ދައްކަން ޖެހޭ ޕްރިމިއަމް ބަހާލާފައިވަނީ ހަތަރު ކެޓަގަރީއަކަށް އުޅަދުގެ ބާވަތަށް ބަލައިގެންނެވެ. އެގޮތުން ސައިކަލަކުން 50 ސީސީއާ ހަމައަށް ދައްކަން ޖެހެނީ 150ރ. އެވެ. އަދި 50 ސީސީން 250 ސީސީއާ ހަމައަށް 175ރ. ދައްކަން ޖެހޭއިރު 250 ސީސީން މަތީގެ ސައިކަލްތަކުން ދައްކަން ޖެހެނީ 400ރ. އެވެ. އަދި ޕްރައިވެޓް ކާރެއްނަމަ 750ރ. ދައްކަން ޖެހެއެވެ. އަދި ޓެކްސީތަކުން ދައްކަން ޖެހެނީ 1000ރ. އެވެ. އަދި ޓެކްސީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ އުޅަނދުތަކުން 1500ރ. ދައްކަން ޖެހެ އެވެ. އަދި އެހެން މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކުން ދައްކަން ޖެހެނީ 2000ރ. އެވެ.
އަދި ތާޑް ޕާޓީ އިންޝްއަރެންސް ފޯރުކޮށްދޭ ކުންފުނިތަކަކީ ސިލިންކޯ އިންޝުއަރެންސް އާއި އެލައިޑް އިންޝުއަރެންސްގެ އިތުރުން އަމާނާ ތަކަފުލް އާއި ސްރީލަންކަން އިންސުއަރެންސް އެވެ.