ރާއްޖޭގައި ތިބެގެން ގުރުއާނުގެ އެކިއެކި ދާއިރާތަކުން އޮންލައިންކޮށް ޑިގްރީ ހެދޭނެ ފުރުސަތު މިއަންނަ އަހަރުންފެށިގެން ހުޅުވާލާނެކަމަށް މާލޭގައި ހިންގާ ގުރުއާން ކުލާހެއްކަމަށްވާ އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އިން ބުނެފިއެވެ.

އެ އިންސްޓިޓިއުޓް ގެ އޮފިޝަލަކު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އޮންލައިންކޮށް ޑިކްރީ ކޯސްތަކުގައި ބައިވެރިވެވޭނެ ފުރުސަތު މިއަންނަ އަހަރުންފެށިގެން ހުޅުވާލެވޭނެ ކަމަށެވެ. އަދި އެކޯސްތަށް ހިންގާނީ ކޮން ޔުނިވާސިޓީއަކާ ގުޅިގެން ކަމަށް ނުނިންމިނަމަވެސް ޔުނިވާސިޓީތަކާ މަޝްވަރާކުރަމުންދާކަމަށްވެސް ވިދާޅުވި އެވެ.

"ހަމަ ޑިޕްލޮމާ އޮތް ކޮންމެ ބޭފުޅަކަށް ޑިކްރީ ކޯސްތަކުގައި ބައިވެރިވެވޭނެ ދެން އަޅުގަނޑުމެން އެބަ ހިންގަން ޑިޕްލޮމާ ކޯސްތަށް މި އިންސްޓިޓިއުޓްގައި، އެކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި،" ހުރިހާ އުމުރަކަށްވެސް ގުރުއާން ކުލާސްތަށް ހިންގުމަށް މަސައްކަތް ކުރަމުންދާ އިންސްޓިޓިއުޓްގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ތިބިގެން ގުރުއާންގެ ދާއިރާއިން ޑިގްރީ ހާސިލްކުރުމަށް ފުރަތަމަ ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވުމުގެ އަންނަ އަހަރު ހުޅުވާލާނެ ކަމަށާއި އެކޯސްތަށް ކުރިއަށްދާނީ އެއިންސްޓިޓިއުޓްގައި ތިބެގެން ސްކައިޕް މެދުވެރިކޮށް ކަމަށެވެ.