28 Oct 2012, 11:39
އެސްޓީއޯ ޕެޓްރޯލް ޝެޑް ފުރަގަހުން އޮންނަ، އެއް ނަމްބަރު ކުނިކޮށީގައި މިދިޔަ ހުކުރު ދުވަހު ރޯވި އަލިފާން މުޅިން ނިއްވާ ނުލެވި ދުން އަރަމުން ގޮސް މިއަދު ހުޅުފަޅާ އަނެއްކާވެސް އަނދަން ފަށައިފި އެވެ.
މިދިޔަ ބޮޑުއީދު ދުވަހުގެ މެންދުރު ފަހު ރޯވި އަލިފާނުގެ އަސަރު މުޅިން ފިލައިގެން ނުގޮސް އަނދަމުން ދިއުމުގެ ސަބަބުން އެތަނުން އަރާ ދުމުގެ އަސަރު އެހިސާބުގައި ދިރިއުޅޭ މީހުންނަށްވެސް ދަނީ ކުރަމުންނެވެ. އިއްޔެ އާ ރޭ ވެސް އެ ކޮށިން އަރަމުންދިޔަ ދުންގަނޑު ދިޔައީ ރަށުތެރެއަށް ފެތުރެމުންނެވެ. އެތަން އަނދަމުން ދިޔުމުން މުޅި ހިސާބަށް ވަނީ ނުބައި ވަހާއި ދުމުގެ އަސަރުކޮށްފަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފަސްޓް ލެފްޓިނެންޓު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އަލިފާން ނިންވުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް އެންމެ އަޑީގައި ރޯވެފައިހުރި އަލިފާން އަދިވެސް މުޅިން ނިއްވާ ނުލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާން ނިންވަން އުނދަގޫވަނީ ފަސޭހައިން ހުޅުހިފާ ޒާތުގެ ކުނި އެއްތަނަކަށް ޖަމާވެ ގޮނޑު ފުރިފައި އޮތުމުން ކަމަށެވެ. އަދި ވިދާޅުވީ މި ފާއިތުވީ ދެތިން ދުވަހު ވެހުނު ބޯ ވާރޭގައިވެސް އަޑީގައި ހިފާފައި ހުރި އަލިފާން ނުނިވޭ ކަމަށެވެ.
"އެ އަލިފާން އަޅުގަނޑުމެން ވަނީ ކޮންޓްރޯލް ކޮށްފައި. މިއަދު އަނެއްކާ އަނދަން ފެށީމައި އަޅުގަނޑުމެން އެތަނަށް ގޮސް ނިއްވުމުގެ މަސައްކަތް މި ކުރަނީ. ނަމަވެސް ގޮނޑު އޮތީ ކުނިން ފުރިފައި. އެހެންވީމަ އަޅުގަނޑުމެން ނަށް ނިއްވަން އުނދަގޫ ވެގެން މި އެޅެނީ،" އަބްދުﷲ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އަންނަނީ ފަޔާ ލޮރީއެއްގެ އެހީގައި ރޯވެފައިވާ ކުނިތަކަށް ފެންޖަހަމުންނެވެ. އެ މައްސަލައިގައި ސިޓީ ކައުންސިލްގެ ބަހެއް މިއަދު ލިބޭ ގޮތެއްނުވި އެވެ.
މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުވެސް އެއް ނަމްބަރު ކުނި ކޮށީގައި ވަނީ ރޯކޮށްލާފަ އެވެ. އެ ދުވަހު ރޯކޮށްލި އަލިފާންގަނޑު ބޮޑުވެ އެތާގައި ހުރި ނީލަން ފިހާރަވެސް ވަނީ އަނދާ ހުލިވެފަ އެވެ. މީގެ އިތުރުންވެސް ކުނި ކޮށީގައި އަލިފާނުގެ އެތައް ހާދިސާ ތަކެއްވަނީ ހިނގާފަ އެވެ.