28 Oct 2012, 11:23
ރާއްޖެއަށް މިވަގުތު މުހިންމީ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން ކަމަށާއި ތަފާތުކުލަތަކެއް ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހާރު ފ. އަތޮޅަށާއި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ ޤައުމަށް މިވަގުތު ބޭނުންވަނީ ގައުމީ ދިދައިގެ ދަށުގައި އެންމެން އެކީގައި މަސައްކަތް ކުރުން ކަމަށާއި ރާއްޖެއަށް ކުރިއަށް ދެވޭނީ އެގޮތަށް މަސައްކަތްކޮށްގެން ކަމަށެވެ.
"މި ސަރުކާރުން އެއްވެސް ބަޔަކާ ދޭތެރޭގައި ތަފާތުތަކެއް ނުގެންގުޅޭނަން. މިއަދު ރާއްޖެއަށް ބޭނުންވަނީ ތަފާތު ކުލަތަކެއް ނޫން. މިއަދު ރާއްޖެއަށް ބޭނުންވަނީ ޤައުމީ ދިދައިގެ ދަށުގައި އެންމެން އެކީގައި މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.
ހަލަބޮލި ދުވަސްތަކަކަށް ފަހު ރާއްޖެ އަލުން އަމާންވަމުން އަންނަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި އަދިވެސް ހަމަނުޖެހުން އޮތް ކަމަށް ބައިނަލް އަގުވާމީ މުޖތަމައަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެ ވާހަކަތައް ބައިނަލް އަގުވާމީ މުޖުތަމައުން މިހާރު ގަބޫލުނުކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންގެ މަގުސަދަކީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބި ފުދުންތެރި އިގްތިސޯދަކަށް ހުރަސް އެޅުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ރާއްޖެ މިހާރު ހަމަހިމޭންކަމާއެކު ކުރިއަށްދާކަން، ބޭރު ދުނިޔެއަށް އެނގިގެން އެބަދޭ، ރާއްޖޭގެ ހަމަނުޖެހުންތައް އުޅޭތަން ދެއްކުމަށް އެކިއެކި ފޮޓޯތައް ނަގާ، ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދިޔަ ކަމުގައިވިޔަސް، އެކަން މިއަދު ބޭރުގެ ފަރާތްތަކުން ގަބޫލެއްނުކުރާ، ރާއްޖެއަށް އެހީވެ ނުދިނުމަށްވެސް ގޮވާލައި، އަޑު އުފުލަމުންދޭ، މިމަސައްކަތްތަކުންވެސް އެއްވެސް ނަތީޖާއެއް ނުފެނޭ. އެވާހަކަތައްވެސް ގަބޫލުކުރާ ބަޔަކު މިހާރު ނޫޅޭ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ބަޖެޓްގައި ފައިސާ ނެތަސް ދައުލަތުގެ މުދަލާއި ރަށްތައް ވިއްކާލައި ޤައުމު ބޭރުބަޔަކަށް ދޫކޮށްނުލައްވާނެ ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން ބައުދުވެ ވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި އިއްޔެ ވަނީ ދ. ބަނޑިދުއަށްވެސް އިއްޔެ ވަޑައިގެންފަ އެވެ. އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ އެކުވެރިކަމާއި ސުލްހަވެރިކަން ނެތި އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ؛ "އެތައް ޒަމާނުއްސުރެ ރާއްޖޭގައި ކުރެވެމުންދިޔަ ތަރައްޤީގެ މަސައްކަތްތައް، ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަލާކުކޮށްލިތަން، ދާދިފަހުން ފެނިފައިވާ" ކަމަށެވެ.