އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ވާދަކުރުމުގެ ފުރުޞަތު ކްލަބް އީގަލްސް އަށް ދިނުމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ޖުމްލަ ހަ ޓީމުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާއުމީ ބާސްކެޓް ލީގް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބުނީ، ޖުމްލަ ހަޓީމާ އެކު ކުރިޔަށް ގެންދާ ގޮތަށް ރާވާފައިވާ މި މުބާރާތަށް މިއަހަރު ފަސް ޓީމް ކޮލިފައިވެފައިވާ އިރު، މުބާރާތުން އީގަލްސް އަށް ފުރުޞަތު ދޭން ނިންމީ މުބާރާތުގައި ޖުމްލަ ހަޓީމް ހިމެނުމުގެ ގޮތުން އަދި މުބާރާތް ފޯރި ގަދަކުރުމުގެ ގޮތުން ކަމަށެވެ.

ލީގުގައި ވާދަކުރުމަށް އިތުރު ޓީމަކަށް ފުރުސަތު ދޭން އެމްބީއޭ އިން ހުޅުވާލި ފުރުސަތުގައި، ކުލަބް އީގަލްސްއަށް އެ ފުރުޞަތު ލިބުނީ ގަވާއިދާ އެއްގޮތަށް ލިޔެކިއުންތައް ހުށަހެޅި ހަމައެކަނި ޓީމު ކަމަށް ވާތީ އެވެ.

ބާސްކެޓްބޯޅަ ލީގުން ފުރުޞަތު ދިނުމަށް ކޮލިފައިން ބުރެއް ބޭއްވުމަށް އެސޯސިއޭޝަނުން ކުރި އިޢުލާންގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، މިއަހަރު ބޭއްވި ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަން ނުވަތަ ތިންވަނަ ޑިވިޝަންގައި ކުޅެފައިވުން، ނުވަތަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވާ ކުލަބަކަށް ވާންޖެހެ އެވެ.