11:37


ޅ. މަޑިވަރުގައި ތިބި ސިފައިންނާއި އުނގޫފާރުގައި ތިބި ފުލުހުން ގޮސް ފެންޖަހައި، ހަރުގޭގެ ހުޅުގަނޑު ނިއްވާލައިފި އެވެ.


އަލިފާން ނިއްވާލުމާ ގުޅިގެން އުފެދުނު ދުންތައް ރަށުތެރެއަށް ފެތުރެނީ އެވެ. ދުމުގައި ހުރި، ފައިބަރުގެ ކެމިކަލްގެ ސަބަބުން ނޭވާލުމަށް އުނދަގޫވެ، ރަށުގެ ގިނަ ބަޔަކު މާސްކު އަޅައިގެން އެބަ އުޅެ އެވެ.


10:37


އުނގޫފާރު ފުލުހުން ޕަންޕް ފަދަ އެއްޗެތި ހިފައިގެން އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި އެވެ.


10:25


ފުރަތަމަ ރޯވި ހަރުގޭގައި ހުރި ސާފާރީއާ އެކު ހަރުގެ ބިމާ ހަމަވެ، ދެވަނަ ހަރުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.


10:16


އަލިފުށީ އޮފީހުން ބުނީ އަލިފާން ނިއްވުމަށް އެ ރަށަށް އަންނަ، ސިފައިންނަށް އެ ރަށާ ހަމައަށް ފޯރާވަރުވާނީ 40 ވަރަކަށް މިނިޓް ފަހުން ކަމަށެވެ.


 


10:12


ދެވަނަ ހަރުގެއްގައި އަލިފާން ހިފައި ރޯވަމުން އެބަދެ އެވެ.


10:10


ދަނގަޑުން ހަދާފައިވާ، 40 ފޫޓް އުސް، 180 ފޫޓް ދިގު ބޯޓް ޔާޑް ވިރިގެން ފައިބަމުން އަންނަ ކަމަށާއި ސަފާރީގެ ބޮޑުބައެއް އަނދާފައިވާ ކަމަށް އެ ރަށުން ބުނެފި އެވެ. އަދި އަލިފާން ރޯވި ވަގުތު އަލިފާން ނިއްވަން އުޅުނު މީހެއްގެ އަތްފިހިގެން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.


09:57


ޅ. މަޑިވަރާއި އުނގޫފާރާއި ކުޅުދުއްފުށީގައި ތިބި ސިފައިން އަލިފުއްޓަށް ދިއުމަށް ދަތުރުފަށައިފި އެވެ.


09:45


ރ. އަލިފުށީގައި ބަންނަމުން ދިޔަ ސަފާރީއެއްގައި އަލިފާންރޯވެ ވަރަށް ބޮޑަށް އަނދަމުން އެބާދަކަމަށް ދާދި ދެންމެއަކު ހަބަރު ލިބިއްޖެ އެވެ. އަލިފާނުގެ މި ހާދިސާ ފުލުހުން ވެސް ދެންމެ ވަނީ ކަށަވަރުކޮށްދީފަ އެވެ. 


އަލިފުށީ އަތިރިމަތީގައި ހުރި ހަރުގެއެއްގައި ބަންނަމުންދާ 165 ފޫޓުގެ ސަފާރީގައި ރޯވެ އަނދަމުންދާ ހާދިސާއާ ގުޅިގެން އެ ރަށުގެ ބައެއް ފަރާތްތަކުން ދެންމެ ސަން އެފްއެމް އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި ސަފަރީ ހުރި ހަރުގޭގައި ރޯވީ މީގެ ބައިގަޑިއިރު ކުރިންނެވެ. އަލިފާން ރޯވީ ފައިބަރު ރެސިން ޖަހަން ބޭނުންކުރާ ހާޑްނާ ޓައްޕެއްގައި އަލިފާންރޯވެގެން ކަމަށެވެ.


އަލިފުށިން މައުލޫމާތު ލިބޭ ގޮތުގައި މިހާރު މުޅި ހަރުގެއާ  ސަފާރީގައި އެއްކޮށް އަލިފާން ރޯވެ ފައިބަރާއި ރެސިން ފީފާތައް ބަޑިޖަހައި ގޮވަމުން ދާ ކަމަށާއި ކައިރީގައި ހުރި އެފަދަ އެހެން ހަރުގެ ތަކަށް އަލިފާނުގެ އަސަރު ކުރަމުންދާ ކަމަށެވެ.


"އެހެން ބޯޓު ޔާޑުތަކާއި ހަރުގެތަކަށް ދަނީ އަލިފާނުގެ އަސަރު ކުރަމުން، އެހެންނަމަވެސް އަދި ރޮލެއް ނުވޭ،" އަލިފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.


އޭނާ ބުނީ މުޅި އަތިރިމައްޗަށް މީހުން އެއްވެފައިވާއިރު އަދިވެސް ރޯވެ ރަށް މައްޗަށް އަރާފައިވާ އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.


"އަޅުގަނޑުމެނަށް އެނގެނީ މަޑިވަރާއި އުނގޫފާރުގައި ތިބި ސިފައިންނާއި ފުލުހުން މިރަށަށް މިސްރާބު ޖަހާފައިވަ ކަމަށް. އަދިއެއް ނާދޭ،" އޭނާ ބުންޏެވެ.


އަލިފުށީގައި ރޯވެފައިވާ ބޯޓު ޔާޑަކީ އެ ރަށު ގުލްރޯނުގޭ މުހައްމަދު ޔޫސުފުގެ ތަނެކެވެ. އެ ބޯޓު ޔާޑުގެ ހަރުގޭގައި ބަންނަމުންދަނީ ބޭރު ބަޔަކާ އެކު ކޮންޓްރެކްޓ ހަދައިގެން ބަންނަމުންދާ ސަފާރީއެކެވެ.


09:27


ރ. އަލިފުށީގައި ބަންނަމުން ދިޔަ ސަފާރީއެއްގައި އަލިފާންރޯވެ ވަރަށް ބޮޑަށް އަނދަމުން އެބާދަކަމަށް ދާދި ދެންމެއަކު ހަބަރު ލިބިއްޖެ އެވެ. އަލިފާނުގެ މި ހާދިސާ ފުލުހުން ވެސް ދެންމެ ވަނީ ކަށަވަރުކޮށްދީފަ އެވެ.  (އިތުރު ތަފުސީލު އަންނަނީ)