28 Oct 2012, 10:57
މަޝްހޫރު ކޮމެޑީ އެކްޓަރު ޖަސްޕާލް ބައްޓީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފިއެވެ. ޖަސްޕާލް ބައްޓީއަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުން އޮތީ ޕަންޖާބުގެ ވެރިކަން ކުރާ ޗަންދީގަޅުގައެވެ. ޖަސްޕާލް ބައްޓީ މަރުވެފައި ވަނީ ޕަންޖާބުގެ ނަކޯދަރު ޓައުން ކައިރީގައި ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައެވެ.
ޖަސްޕާލް ބައްޓީގެ ޗިތާގައި ރޯކޮށްލީ އޭނާގެ ދަރިފުޅު ޖަސްރާޖެވެ. ޖަސްރާޖު ވެސް ވަނީ އެކްސިޑެންޓުގެ ސަބަބުން ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ހަސްފަތާލުން ޖަސްރާޖު ވަގުތީ ގޮތުން ދޫކޮށްލީ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. ބައްޓީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ ގޮތުން އެތައް ބަޔަކު ވަނީ ބައްޓީގެ ހަށިގަނޑު އަންދާލުމުގެ ރަސްމިއްޔާތަށް ހާޒިރުވެފައެވެ. ބައްޓީގެ ކާރު އެކްސިޑެންޓްވެފައި ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޕަވަރ ކަޓް" އިޝްތިހާރު ކުރުމަށް ޖަލަންދަރަށް ދިޔަ މަގުމަތީގައެވެ. ކާރު ދުއްވާން އިނީ ބައްޓީގެ ދަރިފުޅު ޖަސްރާޖެވެ.
އުމުރުން 57 އަހަރުގެ ބައްޓީ މަރުވިކަން ކަށަވަރުކޮށްފައި ވަނީ ޖަލަންދަރުގެ ހަސްފަތާލެއްގައެވެ. ބައްޓީ މަރުވެފައި ވަނީ އެކްސިޑެންޓުގައި ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެއެވެ.
"ޕަވަރ ކަޓް" މި ފިލްމަކީ ޖަސްޕާލް ބައްޓީގެ ދަރިފުޅު ޖަސްރާޖް ފިލްމީ ދާއިރާއަށް ތައާރަފު ކުރުމުގެ ގޮތުން ބައްޓީ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރި ފިލްމެކެވެ. މި ފިލްމު ރިލީޒުކުރާ ގޮތަށް ހަމަ ޖެހިފައި އޮތީ މިދިޔަ ހުކުރު ދުވަހުއެވެ.