28 Oct 2012, 10:53
ދިވެއްސަކު ވިދިވިދިގެން 35 ވަނަ ފަހަރަށް ހައްޖަށް ދިއުމުން ސަޢުދީ ޢަރަބިއްޔާގެ ނޫހެއް ކަމުގައިވާ ސައުދީގެޒެޓުގައި އެކަން ފާހަގަކޮށްފިއެވެ. ސައުދީ ގެޒެޓުގައި ހާމަކޮށްފައިވާ ގޮތުގައި 35 ފަހަރު ހައްޖަށް ދިޔަ ދިވެއްސަކީ އިބްރާހީމް ޢަބްދުއްލަޠީފެވެ.
އުމުރުން 50ގެ އަހަރުތައް ގުނަމުންދާ އިބްރާހީމް އަބްދުއްލަޠީފު އެންމެ ފުރަތަމައަށް ހައްޖަށް ގޮސްފައި ވަނީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށް ވެސް ސައުދީގެޒެޓުގައި ހާމަކޮށްފައިވެއެވެ. އަދި އިބްރާހީމް ޢަބްދުއްލަޠީފު ފުރަތަމައަށް ހައްޖަށް ގޮސްފައި ވަނީ ތަވާފާ އެސްޓަބްލިޝްމަންޓެއް (ހައްޖު ގުރޫޕެއް) ގައި މަސައްކަތް ކުރަމުން ދިޔަ ބައްޕައާ އެކު ކަމަށެވެ.
ބައްޕައާ އެކު އެތައް އަހަރެއް ވާން ދެން ހައްޖު ގުރޫޕުގައި މަސައްކަތް ކުރުމަށް ފަހު، މިހާރު ހައްޖު ގުރޫޕުގެ މަސައްކަތް ބަލަހައްޓަމުން ގެންދަނީ އިބްރާހީމް ޢަބްދުއްލަޠީފެވެ.
"ކޮންމެ ފަހަރަކު ވެސް ހަރަމްފުޅު ފެންނަ އިރަށް އުފަލުން ރޮވޭ. މައްކާ އަކީ މުޅި ދުނިޔޭގައި ވެސް ވާ އެންމެ ފުރިހަމަ އެއް ޝަހަރު. މައްކާގެ މުގައްދަސްކަމާއި މަތިވެރިކަމުން، ކިތަންމެ ހިތް ހަރު މީހެއްގެ ހިތް ވެސް މަޑުވެގެންދާނެ." އިބްރާހީމް ޢަބްދުއްލަޠީފާ ޙަވާލާދީ ސައުދީގެޒެޓުގައި ލިޔެފައިވެއެވެ.
ހަރަމްފުޅު ސާފުކުރުމަށް ކޮންމެ ދުވަހަކު ހިންގާ ހަރަކާތަށް ތައުރީފުކޮށް އިބްރާހީމް ޢަބްދުއްލަޠީފު ބުނެފައި ވަނީ، "ދެ މިލިއަން ހައްޖުވެރީންނަށް އުނދަގުލެއް ފޯރުވުމަކާ ނުލައި ސާފުކުރުމުގެ އެ ބޮޑު މަސައްކަތް ކުރިޔަށް ގެންދާ ގޮތާ މެދު ތައުރީފު ހައްގު." ކަމަށެވެ.
އިބްރާހީމް ޢަބްދުއްލަޠީފަކީ އަތަމާ ޙައްޖު ގުރޫޕުގެ ވެރިޔާ، އަތަމާ ޢަބްދުއްލަޠީފުގެ ދަރިކަލެކެވެ.