ރޭގަނޑު ހޭލާހުރުމާ އަދި ހޭލާހުރެގެން މަސައްކަތް ކުރުމަކީ ޕްރެސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ތިން ގުނަ އަށް އިތުރުވާކަމެއް ކަމަށް ކަމާ ބެހޭ އައު ދިރާސާއަކުން ހާމަވެއްޖެ އެވެ.

ކެނެޑާގެ ކުބެކް ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުންކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ރޭގަނޑު ހޭލާހުރެގެން މަސައްކަތް ކުރުމަކީ ޕްރެސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ތިން ގުނައަށް އިތުރުވުމުގެ އިތުރުން ކެންސަރުގެ އެނޫން ވެސް ވައްތަރުތައް ޖެހުމުގެ ފުރްސަތު ބޮޑުވާކަމެކެވެ. މީގެތެރޭގައި ގޮހޮރުގެ ކެންސަރާއި ބްލެޑާގެ ކެންސަރު ހިމެނޭކަމަށްވެ އެވެ. ރޭގަނޑު ހޭލާހުރުމާ އަދި ހޭލާ ހުރެގެން މަސައްކަތްކުރުމުން ހޭލާހުރުމަށް ބޭނުންވާ ބާރު ސިކުނޑިއަށް ލިއްބައި ދިނުމަށް ޓަކައި ސިކުނޑީގައިވާ ގްލޭންޑަކުން މެލެޓޮނިން ނަމަކަށްކިޔާ މާއްދާއެއް އުފައްދާ ކަމަށާއި މި މާއްދާއަކީ ހަށިގަނޑަށް ނުރައްކާތެރި އަދި ގެއްލުން ހުރި މާއްދާއެއް ކަމަށް ކުބެކް ޔުނިވަސިޓީގެ ރީސާޗަރުންގެ ޓީމުން ހާމަކުރެ އެވެ. މީގެކުރިން އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ވެސް ވަނީ ރޭގަނޑު ހޭލާހުރުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރްސަތު ބޮޑުވާކަމެއްކަން ހާމަވެފަ އެވެ.

އަންހެނުންނަށް ކުރި ދިރާސާއަކުން ހާމަވެފައި ވަނީ ރޭގަނޑު ހޭލާހުރުމަކީ އުރަމަތީ ކެންސަރު ޖެހުމުގެ ފުރްސަތު ބޮޑުކޮށްދޭ ކަމެއްކަމުގަ އެވެ. ކެނެޑާގައި ކޮށްފައިވާ ދިރާސާ ޝާއިޢުކޮށްފައި ވަނީ އެމެރިކަން ޖޯނަލް އޮފް އެޕިޑެމިލޮޖީ ގައެވެ. މިދިރާސާގައި ޕްރޮސްޓޭޓް ކެންސަރު ޖެހިފައވާ 3137 މީހުން ބައިވެރިކޮށްފައިވާ އިރު ޕްރޮސްޓޭޓް ކެންސަރު ނުޖެހޭ 500 މީހުން ވެސް ބައިވެރިކޮށްފައިވެ އެވެ. އިނގިރޭސިވިލާތުގައި އަހަރަކު 40 ހާސް މީހުން ޕްރޮސްޓޭޓް ކެންސަރަށް ޕޮޒިޓިވް ވާކަމަށްވެ އެވެ. މީގެތެރެއިން 10 ހާސް މީހުން މިބަލީގައި މަރުވާކަމަށްވެ އެވެ. (ޑެއިލީ ޓެލެގްރާފް)