ވޮޝިންޓަން (އޮކްޓޯބަރ 28): އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ހިލަރީ ވިދާޅުވީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާ، ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމުގަ އެވެ. ހިލަރީ ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް އޮބާމާ އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް އޮބާމާ ހުވާކުރެއްވުމުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމުގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ މައްސަލާގައި އޮބާމާއާ ޚިޔާލު ބަދަލުކުރައްވާފައިނުވާ ކަމަށް ހިލަރީ ވިދާޅުވި އެވެ.

ހިލަރީ އިތުރަށް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް އޮބާމާ އިންތިޚާބުވެވަޑައިގަންނަވާނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށާއި އެކަމަށް އެދިވަޑައިގަންނަވާ ކަމުގަ އެވެ. މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު ދެން ކުރައްވާނެ މަސައްކަތެއް ހިލަރީ ހާމައެއް ނުކުރައްވަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމް ހިލަރީ އަށް ލިބިވަޑައިގަތީ 2008ގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ބަރަކް އޮބާމާ އެކުލަވާލެއްވި ކެބިނެޓްގެ ތެރެއިންނެވެ. ހިލަރީއަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް އޮބާމާއާ ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ. (ވޮޝިންޓަން ޕޯސްޓް)