މިނާ (އޮކްޓޯބަރ 28): ޙައްޖުވެރިން ޙައްޖުގެ އެންމެ ފަހުގެ ދުވަސްތައް ކަމަށްވާ އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް ފާހަގަކުރަމުން އެބަގެންދެ އެވެ.

މިގޮތުން އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް ކަމަށްވާ ހޮނިހިރާއި އާދީއްތައާ އަދި ހޯމަ ދުވަހު ޙައްޖުވެރިން ކުރަމުން ގެންދަނީ ޖަމްރާތަކަށް ހިލައުކުމާއި ސަފާމަރްވާގައި ސަޢްޔު ކުރުމާ އަދި އެންމެފަހުން ވަދާޢުގެ ތަވާފް ކުރުމުގެ ކަންތަކެވެ. އެކި ސަބަބުތަކާހެދި އަވަހަށް އެނބުރި ދާން ބޭނުންވާ ޙައްޖުވެރިން އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ބަދަލުގައި ދެދުވަހު މިކަން ކުރުމަށް ފަހު ކަޢްބާގެ ވަށައިގެން ވަދާޢުގެ ތަވާފް ކޮށް ހައްޖުގެ އަޅުކަން ކުރިން ނިންމަމުން ގެންދާކަމަށް ވެސް ސައޫދީ ޚަބަރު ފަތުރާ ވަސީލަތަކުން ހާމަކުރެ އެވެ. ނަމަވެސް ޢާންމު ގޮތަކީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް ހިލައުކުމުގައި ހޭދަކުރުމަށް ފަހު ސަފާމަރްވާގައި ސަޢްޔުކޮށް ކަޢްބާގެ ވަށައިގެން ވަދާޢުގެ ތަވާފްކުރުމަށް ފަހު ޙައްޖުގެ އަޅުކަން ނިންމާލުމެވެ.

ޙައްޖުގެ މަނާސިކް ނިންމާލަނީ ގެފުޅުގެ ވަށައިގެންކުރާ ވަދާޢުގެ ތަވާފުންނެވެ. އައްޔަމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން މިއަދުވެސް ޙައްޖުވެރިންގެ ގިނަބަޔަކު ޖަމްރާތަކަށް ހިލައުކަމުން ގެންދާ ކަމަށް ޚަބަރުލިބެ އެވެ. ސަޢޫދީ ސަރުކާރުން ވަނީ ހައްޖުވެރިންގެ ތެރޭގައި ހިމެނޭ ބައެއްމީހުން ޙައްޖުގެ އިންތިޒާމްތަކަށް އިޙްތިރާމްނުކުރާތީ އެކަމުގެ އުނދަނގޫތައް މިއަހަރުގެ ޙައްޖު މޫސުމުގައި ވެސް ވަރަށް ބޮޑަށް ކުރިމަތިވެގެން ދިޔަކަން ހާމަކޮށްފަ އެވެ. ސަޢޫދީ މަސްއޫލުވެރިއަކުވަނީ ޙައްޖުގެ އިންތިޒާމްތަކަށް އިޙްތިރާމް ނުކުރާ އަދި ޙައްޖުގެ ކަންކަމުގައި ދެވޭ އިރްޝާދުތަކަށް ޢަމަލުނުކުރާ ޙައްޖުވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލައްވާފަ އެވެ. މިފަދަ ޙައްޖުވެރިންގެ ސަބަބުން އެހެން ޙައްޖުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ސަޢޫދީ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. (ސަޢޫދީ މީޑިޔާ)