މީގެ މަހެއްހާ ދުވަސް ކުރި އެވެ. ދަންވަރު ގަޑިވުމުން ކޮފީއެއް ބޯލަން ރައްޓެއްސަކާ އެކު ވަނީ ކާނިވާ ތެރޭގައި ހުރި ކެފޭއަކަށެވެ. ޖެހިގެން ހުރި މޭޒުގައި ޒުވާން ގްރޫޕެއް ތިއްބެވެ. އެ ގްރޫޕުގެ ތެރެއިން ހަޅޭކާއި ސަރަކަރާތް ޖެހުމުގެ އަޑުއިވެ އެވެ. ބަލައި ބެލުމަށް ތާސް ކުޅޭހެން ވެސް ހީވެ އެވެ. އެއީ އާންމު ކަމަކަށް ވުމުން އެ މީހުންގެ ކުޅިވަރަށް މާބޮޑު ސަމާލުކަމެއް ވެސް ނުދެވެ އެވެ. އެއަށް ވުރެ ބޮޑަށް އަހަރެމެން ތިބީ އޮލަވާހަކައެއްގަ އެވެ. ނަމަވެސް އިރުކޮޅަކުން އަހަރެއްގެ އެކުވެރިޔާ ގައިގާ ކޮއްޓާލައިފި އެވެ. "އެ ދުވަނީ ކޮންވަހެއް" ރަހުމަތްތެރިޔާ މަޑުމަޑުން ސުވާލުކޮށްލި އެވެ. ފިސާރި ތެދެއް ބުނަންހެއްޔެވެ. އެ ދުވަނީ ބަނގުރާވަހެވެ. ވަހުގެ ގަދަކަމުން ނޯއްދަމާލަން ނުކުރެ އެވެ. ވަށައިގެން ތިބި އެހެން މީހުންނަށް ކަމެއް ވާހެން ވެސް ހީއެއްް ނުވެ އެވެ. އަހަރުމެންނަށް އެ ކަހަލަ މާހައުލެއް އަދި މާ އަލީ ކަމަށް ވެދާނެ އެވެ. ޖެހިގެން ކަހަލަ ގޮތަކަށް ހުރި އެ މޭޒަށް ނަޒަރު ހިންގާލި އިރު 500 އެމްއެލްގެ ފެން ހުސްކުރާ ޒާތުގެ ކުދިފުޅިތަކެއް މޭޒުމަތީގައި ހުއްޓެވެ.

އެކަމާ ހައިރާންވެ ވޭޓަރަކަށް ގޮވައި ގެނެސް އެކުވެރިޔާ ސުވާލުކުރި އެވެ؛ "ބަނގުރާލިބޭ ހެއްޔެވެ؟" ވޭޓަރުގެ ޖަވާބަކަށްވީ "އެކަން އެނގޭނީ ބޮޑު މީހާއަށް (އޯނަރަށް)" ކަމަށެވެ.

އާއެކެވެ! މިދެއްކީ އަވައްޓެރި ލަންކާގައި ހުރި ކެފޭއެއްގެ ވާހަކައެއް ނޫނެވެ. ނޫނީ ރިސޯޓެއްގެ ބާއެއްގެ ވާހަކައެއް ވެސް ނޫނެނެވެ. މާލޭގެ ކެފޭއެއްގެ ވާހަކަ އެވެ. ނަމަވެސް ރާއްޖެ އަށް އެތެރެ ކުރުން މަނާތަކެތީގެ ގާނޫނުގެ ދަށުން ވަކި ހާއްސަ ހުއްދައެއް ލިބިގެން، ރިސޯޓްތަކަށް ނޫނީ ރަލުގެ އެއްވެސް ބާވަތެއް އެތެރެ ކުރުމާއި ބޭނުން ކުރުންވެސް މަނަލެވެ. އެންމެ ކުޑަމިނުން ރަށްފުށުގައި ހުންނަ ޓޫރިސްޓް ގެސްޓް ހައުސްއެއްގައި ވެސް ރާ ނުވިއްކެ އެވެ. އެކަން ވެސް އޮންނަނީ ގާނޫނުން މުޅިން މަނާކޮށްފަ އެވެ.

މީގެ މަސްދުވަހެއްގެ ކުރީގެ ހާދިސާއާ ގުޅާލެވޭނީ މިދިޔަ ހަފްތާ ބަންދުގައި ޖަލަޕީނާ ރެސްޓޯރަންޓް ބަންދުކުރި ހާދިސާ އެވެ. ގާތްގަނޑަކަށް ތިން ކޭސް ބަނގުރާ ފެނިގެން ޖަލަޕީނޯ ރެސްޓޯރަންޓްގައި ފުލުހުން އަދިވެސް ހުރީ ބޮޑުތަޅު އަޅުވައިފަ އެވެ. މަސްތުގެ ހާލަތުގައި އެތަނުން އެތައް ބަޔަކު ވެސް ހައްޔަރުކުރި އެވެ.

"އެއީ މިތަނުގައި އާންމުކަމެއް. މަތީގައި އޮންނާނީ އެކަން. ދަން އަތަށް އަޅާލީމާ ދެ ޖިންސްގެ ޒުވާނުން އައިސް އެ ކުޅިވަރު ކުޅޭނީ. މަސްތުވެގެން ނެށުމާއި މިކަހަލަ ކަންކަން،" އެ ސަރަހައްދުގައި ދިރިއުޅެމުންދާ އަދި ޖަލަޕީނޯ ރެސްޓޯރެންޓުން އާންމުކޮށް ވެސް ހިދުމަތް ހޯދާ މީހަކު ބުންޏެވެ.

އެ ދެ ހާސިދާއާ ވެސް ގުޅުވާލުމުން ކަށަވަރުވާ ކަމަކީ މާލޭގެ ބައެއް ރެސްޓޯރަންޓް ކެފޭތަކުގައި ބަނގުރާ ބޭނުން ކުރުމުގެ ކަންތައްގަނޑެއް ހިންގާ ކަމެވެ. ޖަލަޕީނޯ އިން ފެނުނު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކީ އެތަނުގެ އިސްވެރިންނަށް ނޭނގި އެތަނަށް ވެއްދޭ ވަރަށް ވުރެ ގިނަ ފުޅި އެވެ. ސީދާ ލޭބަލްގައި ވެސް ހުރި އެ ފުޅިތައް ކަނޑައި ތަށިތައްޓަށް އަޅައިގެން ހުރީ ބޯންވެސް ބޮއިފަ އެވެ. ފުލުހުން އެރޭ އެތަނުން ތަށިތަކެއް އަތުލީ ވެސް އެހެންވެ އެވެ. ހާއްސަކޮށް ޒުވާނުން "ކޮފީ ބޯން" ވަންނަ ކެފޭތަކުން އެ މީހުންނަށް ބޭނުން ޒާތުގެ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެ ތަންތަނުގެ ވިޔަފާރީގެ ބައެއް ކަމަށްވެދާނެ އެވެ.

"އެކަހަލަ ރޭރޭ މިތަނުން [ޖަލަޕީނޯ] އިން ނުކުންނަ ގިނަ މީހުން ތިބޭގޮތްބަލައިބަލަ، މަސްތުވެގެން ތިބެނީ. އޯޕަން އެއާޓަރެސްގައި އެ އޮންނަނީ އެކަން. އެހެން ކަމެއް ނޯވޭ. އެތަނުން ދުވާވަސް ބައެއް ފަހަރު މަގު މައްޗަށް ވެސް ދުވާފައި އެބަހުރި. އެ ދަރަޖައިގައި އެ އޮތީ. މިއީ މި ފަހުން ހަމަ އާންމު ކަމެއް. މިކަން މިހެން ކުރާނީ ކިހިނެތް ބޮޑުންނަށް ނޭނގި،" ކުރިން ވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޒުވާނުން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ނަން މަޝްހޫރުކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ބަނގުރާ ބޭނުން ކުރުމުގެ އާދަ ވަނީ ވަރަށް ގަދައަށް ހިފައިފަ އެވެ. އެ ވާހަކަތައް ފޮރުވަން ވެސް ބައެއް މީހުން މަސައްކަތްކުރެ އެވެ. އެއީ ޒުވާނުންގެ ފަރާތުން އައިސްފާނެ އުނދަގުލަކުން ރައްކާތެރިވުމަށެވެ. ރިޕޯޓަށް ކޮމެންޓް ދިން ގިނަ ރެސްޓޯރަންޓްތަކުން ވެސް ވާހަކަ ދެއްކީ ނަން ނުޖަހާ ގޮތަށެވެ.

ރެސްޓޯރަންޓް ތަކުގެ އޯނަރުންނާ ސީދާ ގުޅުން އޮންނަ ކަންތައްގަނޑެއް ކަމަށް އެކަން ބެލެވުނަސް ބައެއް ރެސްޓޯރަންޓްތަކުގެ ވެރިންގެ ވާހަކަތަކުން އެހެން ތަފާތު ދޮރުތަކެއް ވެސް ހުޅުވެ އެވެ. ޒުވާނުންގެ ބާރު ކެފޭތަކަށް ގަދަވުމެވެ. ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ކެފޭތަކުގެ އޯނަރުންނަކީ ޒުވާން ގްރޫޕުތަކެވެ. އެތަންތަން ހުންނަނީ އެ މީހުންގެ އަށްދަށުލައިފަ އެވެ.

"އެ މީހުން އަންނަނީ [ބަނގުރާ] ފުޅިއަށް އަޅައިގެން. ދެން ބުނާނީ ތަށިދޭށޭ، ލާރި ކޮޅެއް ދީގެން ވޭޓަރުން ހައްދާފައި ތިބޭނީ. އެ މީހުންނާ މިކަން ވަރަށް ބޮޑަށް ގުޅިގެން ކުރަނީ. ބައެއް މީހުން އުފަންދުވަސް ފާހަގަކޮށްލަން އެބަ އާދޭ ސީދާ ފުޅިވެސް ހިފައިން. ދެން އެކަން ކޮށްނުދީފިއްޔާ ބިރުވެސް ދައްކާފައި އެބަހުރޭ. މިގޮތަށް ގޮސް މުޅި މިކަންތައް މިދަނީ. އާންމުކަމަށްވެއްޖެ މިކަން،" މާފަންނު ކޮޅުގައި ހުރި ރެސްޓޯރެންޓެއްގެ އޯނަރަކު ބުންޏެވެ.

ބަނގުރާ ބޭނުން ކުރުމުގެ ކަންތައްކަނޑެއް މާލޭގެ ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ހިންގާ ކަމުގެ ޝަކުވާތައް ފުލުހުންނާއި ހިސާބުގައި ވެސް ހުރީ ފުނިޖެހިފަ އެވެ. ފުލުހުން ކުއްމަދުކުރަން ފެށި އޮޕަރޭޝަންގައި ޖަލަޕީނޯ ނޫނަސް ބައެއް ރެސްޓޯރަންޓްތަކުގައި ބަނގުރާ ބޮއެގެން މަސްތުވެފައި ވަނިކޮށް ނޫނީ ބޭނުން ކުރަމުން ދަނިކޮށްވެސް އަތުލެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"ޝަކުވާ އެބަހުރި. އެކަންކަން ބަލަމުން ދަނީ ވެސް. ނަމަވެސް ރެސްޓޯރަންޓްތަކުގެ އޯނަރުން މީގައި ޝާމިލްވާ ކަމުގެ ޝަކުވާއެއްނެތް. އެކަމަކު ކޮންމެ ރެއަކުން ވެސް އަޅުގަނޑުމެން ޗެކްކުރަން ރެސްޓޯރަންޓް ކެފޭތަންތަން އެފަދަ ކަންކަމަށް. އެގޮތަށް ބައެއް ތަންތަނުން އެބަހުރި އަތުލެވިފައި ވެސް މީހުން އެގޮތައް ބަނގުރަލާ އެކު،" ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވި އެވެ.

ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ ކޮންމެވެސް ވަރަކަށް މަސްތުވުމުގެ ކަންތައްތައް އާންމުވެގެން އެވާހަކަ ފެންމަތިވި އެވެ. ނަމަވެސް އޭރު ވާހަކަ ދައްކާލާފައި ހުއްޓާލީ އެވެ. ނަމަވެސް އަނެއްކާ ވެސް އެ ކުޅިގަނޑު އާންމުވީ އެހެން ދަރަޖައަކަށެވެ. ސީދާ ބަނގުރާ ރެސްޓޯރަންޓް ކެފޭތަކުގައި ބޭނުން ކުރުން އާންމުވީ އެވެ. ބަނގުރާ މަނާ ނަމަވެސް މިއަދު އެއީ އާންމު ކަމެކެވެ. ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކުގަ އެވެ.