މަސްތުވާތަކެތި ބޭނުން ކުރި އަންހެނަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މަސްތުވާތަކެތި ބޭނުން ކޮށްފައިވާތީ ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ތ. ތިމަރަފުށީ އިރުވައިގޭ ގުރައިޝާ އަބްދުލް ވާހީދު 28، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ވަނީ ގދ.ތިނަދޫ ސެމީ ހުސެއިން ހަސަން 18، އާއި ހަމަ އެރަށު މެލަންހައުސް އަހުމަދު ސާނިޖު ސާދިގު 18، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

މި މީހުގެ ތެރެއިން ގުރައިޝާގެ މައްޗަށް ދައުވާ ކުރަން މިމަހުގެ 18 ވަނަ ދުވަހު ފޮނުވާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މަސްވެރިންގެ ޕާކްތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގުރައިޝާ މަސްތުވެގެން ހުރިކަމަށް ޝައްކު ކުރެވުމާ އެކު އޭނާ ހައްޔަރުކޮށް އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހުސެއިން ހަސަނާއި ސާނިޖު ގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިއަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބައު ޖަމާލުއްދީން ކައިރީ ތިއްބާ އެ މީހުންގެ އަމަލުތައް ހުރިގޮތުން އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.