ކިޔަވައިދޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ގާރީއަކު ސ. މީދޫން އިއްޔެ ހައްޔަރުކޮށްފި އެވެ.

ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި އިއްޔެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު އަމިއްލަ ޖަމިއްޔާއަކުން ހިންގާ ޝަމްސުއްދީން ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ގާރީއެކެވެ.

މިކަމާ ގުޅިގެން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ މީދޫން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އުމުރުން 35 އަހަރުގެ އެ ގާރީ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެ ޖަމްއިއްޔާގައި މަސައްކަތް ކުރަމުން ދިޔަ މީހެކެެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހއ. އިހަވަންދޫގެ ގުރުއާން ކްލާހެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ގާރީއަކު ވެސް އޭނާ ކިޔަވައިދޭ ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.