އަންނަ ރިޔާސީ އިންތިޚާބަށް ޚާއްސަކޮށްގެން ވޯޓު ލުމުގެ ހައްގު ލިބިފައި މީހުންގެ ރަޖިސްޓްރީގައި މައްސަލަ އުޅޭތޯބަލާ އެ ރަޖިސްޓްރީ އިސްލާހު ކުރުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ފަށައިފި އެެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ކެމްޕެއިންގެ ފުރަތަ ބުރު އަމާޒު ކޮށްފައިވަނީ ގަލޮޅުގެ ގޭބިސީތަކަށެވެ.

އިލެކްޝަންސްއިން ބުނީ މި މަހުގެ 30 އާއި 31ގައި ގަލޮޅުގެ ކޮންމެ ގެއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ފޮނުވާނެ ކަމަށެވެ. ފޮނުވާ ލިސްޓާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ކޮމިޝަންގެ ހިލޭ ގުޅޭ ނަމްބަރު 14141 އާއި ގުޅައިގެން އެ ޝަކުވާއެއް ހުށަހެޅޭނެ ކަމަށާއި މީގެ އިތުރުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތް ތަކުންވެސް ހަމަ އެ ނަމްބަރާއި ގުޅުމަށް ކޮމިޝަނުން ވަނީ އެދިފަ އެވެ.

އެކަމަށް ހާއްސަކޮށްފައިވާ ހެލްޕް ޑެސްކް ހުންނާނީ މާލޭ ސިޓީ ކައުންސިލާއި އިލެކްޝަންސް ކޮމިޝަންގަ އެވެ.

ގޭގެއަށް ފޮނުވާ ލިސްޓުތައް ވެރިފަރާތުން ބަލާ ފާސް ކުރުމަށްފަހު އަނބުރާ ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ. އެގޮތުން އީމެއިލް އާއި ފެކްސް އަދި ކޮމިޝަންގެ ހެލްޕް ޑެސްކް މެދުވެރިކޮށް ލިސްޓްތައް ފޮނުވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން އަންނަ މަހުގެ އަށް ވަނަ ދުވަހު އިލެކްޝަންސްގެ އޮފިޝަލުން ގަލޮޅުގެ ގެތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.