14 Sep 2010, 15:31
ފުލުހުންގެ އޮފިސަރަކު މާލޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ސަސްޕެންޑްކޮށްފައި ވަނީ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފި އެވެ.
ސަންއެފްއެމް އޮންލައިނުން ދެންނެވުމުން ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ރޭޕްކުރިކަމުގެ ތުހުމަތު ލިބޭ އެ މައްސަލައާ ގުޅިގެން ރިޝީފް ތޯހާ ފުލުހުންގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށް މިވަގުތު ގޭގައި ބަހައްޓައިފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ފުލުހުންގެ އޮފިސަރަކު އަންހެން ކުއްޖަކު ރޭޕްކޮށްލި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ފަށައިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އޮފިސަރެއް ކަމެއް ވެސް އަދި އެ އޮފިސަރު ސަސްޕެންޑްކުރި ކަމެއް ވެސް ހާމަކޮށްފައެއްނުވެ އެވެ.
ޝިޔާމް ވިދާޅުވީ ރިޝީފް ސަސްޕެންޑްކޮށްފައި ވަނީ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެ އަންހެން ކުއްޖާ ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވާތީ ކަމަށެވެ. މި މައްސަލަ ބަލަން ފެށީވެސް އާންމު ފަރާތަކުން އެފަދަ ޝަކުވާއެއް ކުރުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރިޝީފް ތޯހާގެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމޭއިރު އަންހެން ކުއްޖާ ތުހުމަތުކުރާ ކަންތައްތައް ސާބިތުވާނަމަ ރިޝީފުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މި މައްސަލައިގައި އަންހެން ކުއްޖާ ތުހުމަތުކޮށްފައި ވަނީ "ބޮޑެތި" ކަންތައްތަކަކަށް ކަމަށެވެ.
ފުލުހުންގެ އޮފިސަރަކު، ކަޅު ބިއްލޫރި ޖެހި ފުލުސް ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށް، ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ފުރަތަމަ އާންމު ކުރީ އިންޓަނެޓްގެ އަންޑަގްރައުންޑް ވެބްސައިޓްތަކުގަ އެވެ.