ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވުމަށް ދެން ޖެހޭނީ ގާނޫނީ އަމުރެއް ނެރެން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ކަމުގައިވާ ސުޖާއު އުސްމާނާއި އަބްދުއްނާސިރު އަބްދުއްރަހީމް އަދި ހުސައިން މަޒީދަށް އެ ކޮމެޓީއަށް ހާޒިރުވުމަށް މީގެ ކުރިން އެންގި ނަމަވެސް އެ އެންގުމަށް ތާބާވެފައި ނުވާތީ ދެން ޖެހޭނީ އެކަމަށް ގާނޫނީ އަމުރެއް ނެރެން ކަމަށެވެ.

"އެހެންކަމުން ދަންނަވާފައި އެވާ ގާޒީން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެލެއްވުމަށް ދެންއަޅުއްވަން އޮތް ފިޔަވަޅަކީ އެކަމަށް ގާނޫނީ އަމުރެއް ނެރުން ކަމުގައި މި ޕާޓީއަށް ފާހަގަކުރެވެއެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނަނީ ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނާއި އެ ކޮމެޓީން ބައްދަލުކުރައްވަން ބޭނުން ވަނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. އެ ތިން ފަނޑިޔާރުން އެ ކޮމެޓީއަށް ހާޒިރު ކުރަނީ އެ ކޮމެޓީން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ދިރާސާ ކުރަމުން ގެންދާތީ އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ނަޝީދުގެ މައްލަ ބައްލަވާ ފަނޑިޔާރުން އެ ކޮމެޓީއަށް ހާޒިރުވުމަށް އެންމެ ފުރަތަމަ އެންގީ ނަޝީދުގެ ޝަރީއަތް ފެށި ދުވަހު އެވެ. ނަމަވެސް އެ ދުވަހު ފަނޑިޔާރުން ކޮމެޓީއަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން މިދިޔަ ބުދަ ދުވަހުގެ 11:00 އަށް ކޮމެޓީއަށް ހާޒިރުވެވަޑައިގަތުމަށް އެ ފަނޑިޔާރުންނަށް އެންގި ނަމަވެސް ކޮމެޓީއަށް ހާޒިރުވެވަޑައިގެންފައި ނުވެ އެވެ.

އެމްޑީޕީން ބުނީ ކޮމެޓީއަށް ހާޒިރުވެވަޑައި ނުގެން ފަނޑިޔާރުން ކޮމެޓީއަށް ފޮނުވި ޖަވާބުގައި އެބޭފުޅުން މަސައްކަތް ކުރައްވަނީ ޝަރުއީ ދާއިރާގެ އެންމެ ދަށުމަރުހަލާގައި ކަމަށްވާތީ ކޯނީ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ ކޮމިޓީއެއްގައި އެބޭފުޅުންނަށް ޖަވާބުދެއްވޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންގުމުން ކަމަށް އެ ތިން ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ފަޑިޔާރުން ކޮމެޓީއަށް ހާޒިރުކުރާ މައްސަލައިގައި މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާއާ ދެމެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވާން މީގެ ކުރިން އަންގާވާފައި ވަނީ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުނުކުރެވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް މަޖިލީހުގެ ރައީސްއަށް ލަފާދެއްވާފައި ވަނިކޮށެވެ.

ޝާހިދުގެ ނިންމެވުން ދިފާއުކޮށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކަޑައަޅާ ގޮތެއްގެ މަތީން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ހެކިބަސް ދިނުމަށް ކޮންމެ މީހަކަށްވެސް އެންގުމުގެ ބާރު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.

މީގެ ކުރިންވެސް ސްޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.