27 Oct 2012, 20:57
ހައްޖަށް ގޮސްއުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ އެވެ.
އެ މީހާ ހައްޖަށް ދިޔަ ޖަމާއަތް، ސިސިލްފަރު ހައްޖު އެންޑް އުމްރާގެ އިސް ފަރާތެއްކަމަށްވާ މުހައްމަދު ޔޫސުފް މިރޭ ވިދާޅުވީ ހައްޖު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގެއްލިގެން ހޯދަމުން ދިޔަ ގ. ލިސާން ސާރާ އާދަމް ފެނުނީ ހިލައުކާ ޖަމްރާތަށް ކައިރިން ކަމަށެވެ.
އޭނާ ވިދާޅުވީ ޖަމްރާތަށް ކައިރީ ސާރާ ހުއްޓާ ފެނުނީ އިންޑިއާގެ މުސްކުޅި މީހަކަށް ކަމަށާއި އާއިލާއާ ހިސާބަށް ސާރާ ގެނެސްދިނީ އެ މީހާ ކަމަށެވެ. އަދި ސާރާ މީހާރު ހުރީ މައްކާގައި އެ ޖަމާއަތުގެ މީހުން ދިރިއުޅޭ ގޭގައި ކަމަށްވެސް ޔޫސުފް ވިދާޅުވި އެވެ.
"މިރޭ [ރާއްޖެ ގަޑިން] 8:30 އެހާކަންހާއިރު އަޅުގަނޑުމެން ދިރިއުޅޭ ގެއަށް ގެނައީ. ސާރާ ފެނުނީ ޖަމްރާތަށް ކައިރީ ހުއްޓާ އިންޑިއާގެ މުސްކުޅި މީހަކަށް ފެނުނީ. އިންޑިއާ މީހާއަށް ސާރާ ފެނިގެން އޭނާގެ އަތުން ގޭގެ ނަންބަރާއި ކާޑާއި ހުރިހާއެއްޗެއް ފެނުނީމަ އެނގުނީ. އިތުރު ތަފްސީލެއް މިވަގުތު ނޭނގޭ،" މުހައްމަދު ޔޫސުފް ވިދާޅުވި އެވެ.