27 Oct 2012, 16:06
ރާއްޖެއިން މިއަހަރު ހައްޖަށް ގޮސް އުޅުނު އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ރާއްޖޭގެ ހައްޖު މިޝަންގެ އިސްވެރިޔާ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ މައްކާގައި ހުންނަވައިގެން މިއަދު ސަން އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ގެއްލިގެން އުޅެނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ އަންހެނެކެވެ.
ސިސިލްފަރު ހައްޖު އެންޑް އުމްރާގެ އިސް ފަރާތެއްކަމަށްވާ މުހައްމަދު ޔޫސުފް މިއަދު ވިދާޅުވީ ގެއްލިގެން އުޅެނީ ގ. ލިސާން ސާރާ އާދަމް ކަމަށާއި އޭނާ ގެއްލުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އަރަފާތު ބިމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ސާރާ ގެއްލުނުކަން އެނގުނީ ހައްޖު ދުވަހުގެ ހަވީރު ކަމަށާއި އޭނާގެ ފިރިމާވެސް ހައްޖަށް ގޮސް އުޅޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާގެ ފިރިމީހާއާ ސުވާލު ކުރުމުން އޭނާ ހުރީ އެކަމާ ހައިރާން ވެފައި ކަމަށާއި ސާރާގެ އަތްދަބަސް އެބައޮތްކަމަށް ވެސް ފިރިމީހާ އާ ހަވާލާދީ މުހައްމަދު ޔޫސުފް ވިދާޅުވި އެވެ.
"ގެއްލިގެން އުޅޭނީ ގ. ލިސާން ސާރާ އާދާމް. އޭނާ ގެއްލުނީ އިއްޔެ އަރަފާތު ބިމަށް. އޭނާގެ އުމުރެއް އެނގިފައި ނެތް. އަޅުގަނޑުމެންގެ އަތުގައި އޭނާގެ އައިޑީކާޑް ނަންބަރު އެބައޮތް. މިކޮޅުގައި ސާރާގެ ފިރިމީހާ ވެސް އެބައުޅޭ. އޭނާ ހުރީ ވަރަށް ހައިރާން ވެފައި. އޭނާ ބުނީ ތިމަންނާއާ އެކު ނޫނީ ސާރާ އެއްވެސްތަނަކަށް ނުދާނެ ކަމަށް. އަދި ސާރާގެ އަތްދަބަސް އޮތްކަމަށް ސާރާގެ ފިމީހާ ބުނޭ،" މުހައްމަދު ޔޫސުފް ވިދާޅުވި އެވެ.
މިހާތަނަށް ބެލި ބެލުމުންވެސް އޭނާ ގެއްލުނު ގޮތެއް އެނގިފައި ނުވާކަމަށާއި އިއްޔެ ގެ ހަވީރުން ފެށިގެން ރާއްޖޭގެ ހައިކޮމިޝަނާއި އެ ޖަމާއަތުން ވެސް ސާރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.