ޕެންޝަން ސުކީމްގައި ބައިވެރިވެ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 90 ފަރާތެއްގެ ނަންތައް އާންމުކުރުމުން އޭގެތެރެ އިން 24 ފަރާތަކުން ފައިސާ ދައްކާފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ޝުޖާއު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފައިސާ ނުދައްކާ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާކުރުމުން 24 ފަރާތަކުން ފައިސާ ދައްކާފައިވާ ކަމަށާއި އަދި އިތުރަށް ފައިސާ ނުދައްކައި ހުރި 66 ކުންފުންޏަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ ދައްކަން އޮތް ފައިސާ އަޅުގަނޑުމެން އެއްވެސް ގޮތަކަށް މާފުކުރާ ވާހަކައެއް ނޫން. ނޫނިއްޔާމު ޖޫރިމަނާއެއް އެ ފައިސާގައި ހިމެނޭ ނަމަ އެ ފައިސާ ވެސް މާފުކުރާ ވާހަކައެއް ނޫން. ނަމަވެސް އަޅުގަނޑުމެންގެ ޕޭމަންޓް އޮޕްޝަންތަކެއް އެބަހުރި. މިދެންނެވި ދައްކަން ޖެހޭ ފަރާތްތަކުން ވަރަށް ބޮޑު އަދަދެއްގެ ފައިސާތަކެއް ވެސް ދައްކަން ޖެހޭ ފަރާތްތައް އެބަހުރި. ދެން އެ ފަރާތްތަކަށް މަސްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައި ދެވިދާނެ ކަމަށް އެ ފަރާތްތަކުގައި ދައްނަވަމުން މިދަނީ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފައިސާ ނުދައްކާ ފަރާތްތަކާ ދޭތެރޭގައި ކޯޓަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ނަމަވެސް އެ ފަރާތްތަކުން އެއްބާރުލުން ނުދޭ ނަމަ ކޮންމެ މަރުހަލާކަށް މައްސަލަ ފޮނުވައިގެން ނަމަވެސް އެ ފައިސާ ހޯދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި މުއްދަތެއް ކަނޑަނާޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ފައިސާ ނުދައްކައި ހުރި 66 ކުންފުންޏަށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުން ވެސް ފައިސާ ނުދައްކާ ފަރާތްތައް ހިމެނޭ ކަމަށެވެ.

ފުރަތަމަ އާންމު ކުރި ލިސްޓުގައި ޕެންޝަން ފަންޑަށް ފައިސާ ނުދައްކައި ހުރި 90 ވިޔަފާރި ކުންފުންޏަކާއި މުއައްސަސާތަކުގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ޓޫރިޒަމް ދާއިރާ އަށް ނިސްބަތްވާ ބައެއް ކުންފުނިތަކާއި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިތައް ހިމެނެ އެވެ.

އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާ އެކު 70000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ރިޓަޔާމެންޓް ޕެންޝަން ސުކީމްގެ ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.