27 Oct 2012, 14:42
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަތައް ތަހުގީގު ކުރުމަށް، އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ވަފްދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވީ އައިޕީޔޫގެ ވަފްދެއް ރާއްޖެ އައުމަށް ނިންމާފައި ވަނީ މިމަހުގެ 21ން 26 އަށް ކެނެޑާގައި ބޭއްވި އައިޕީޔޫގެ 127 ވަނަ ޖެނެރަލް އެސެމްބްލީ ގައި ކަމަށެވެ.
އޭނާ ވިދާޅުވީ އައިޕީޔޫގެ ޖެނެރަލް އެސެމްބްލީ އިން އެގޮތަށް ފާސްކުރީ އެމްޑީޕީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށާއި ރާއްޖޭގެ އިތުރުން ތުރުކީއަށް ވެސް ވަފްދެއް ފޮނުވާގޮތަށް ޖެނެރަލް އެސެމްބްލީގައި ފާސްކޮށްފައި ވާކަމަށެވެ.
އެމްޑީޕީން އައިޕީޔޫއަށް ހުށަހެޅި މައްސަލައަކީ ފެބުރުއަރީ 7 އަދި 8 ގައި ފުލުހުންނާއި ސިފައިން މަޖިލީހުގެ މެންބަރުންނަށް އަނިޔާކޮށް އަދި ގާނޫނުގެ ބޭރުން މެންބަރުން ހިފައި ހައްޔަރުކުރި ކަމަށް ބުނާ މައްސަލަ އެވެ.
"އެތަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ޖެނެރަލް އެސެމްބްލީ އިން ރާއްޖެ ވަފްދެއް ފޮނުވާގޮތަށް ފާސްކުރީ. ރާއްޖޭގެ އިތުރުން ތުރުކީއަށް ވެސް އައިޕީޔޫގެ ވަފްދެއް ދާގޮތަށް ވެސް ވަނީ ނިންމާފައި،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލަތައް ތަހުގީގު ކުރުމަށް އައިޕީޔޫގެ ވަފްދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އެ ވަފްދުގައި ހިމެނެނީ ކޮން ބައެއްކަމެއް އަދި އެ ވަފްދު ރާއްޖެ އަންނަ ދުވަހެއް އަދި އެނގިފައި ނުވާކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހާއި އަދި އޭގެ ފަހުން ވެސް އެކިފަހަރުމަތިން އެޕާޓީގެ 19 މަޖިލީސް މެންބަރަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ. މީގެ ކުރިން ވެސް އައިޕީޔޫން ވަނީ އެ މައްސަލަތަކާ ގުޅޭ ތިން ރިޕޯޓެއް ސިއްރު ރިޕޯޓުތަކެއްގެ ގޮތުގައި ސަރުކާރާއި މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓްތަށް މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.