27 Oct 2012, 13:10
ނިއު ރޭޑިއަަންޓް ސްޕޯޓްސް ކުލަބުގެ ގޯލްޑް ނައިޓް އަންނަ ބުދަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބާއްވަން ނިންމައިފި އެވެ.
ގޯލްޑް ނައިޓަކީ ނިމިގެންދިޔަ ފުޓްބޯލަ ސީޒަނުގައި ނިއު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި އާ އަހަރުގެ ސީޒަނަށް ނިއުއާ ގުޅުނު ކުޅުންތެރިން ދައްކާލުމަށް ބާއްވާ ހަފުލާއެކެވެ.
ގޯލްޑް ނައިޓްގައި މި އަހަރު ނިއުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ސަޕޯޓަރުންގެ މެދުގަައި އެންމެ މަގުބޫލު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ މޮޅު ގޯލު ހޮވައި އިނާމް ދެވޭނެ އެވެ. ނިއު ވަނީ މި އަހަރުގެ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ އެފްއޭކަޕް ކުއާޓާ ފައިނަލުގައި އީގަލްސް އަތުން އެކަންޏެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕް ކުޅެން ފުރުސަތު ލިބިފައިވުމުން ނިއުއިން ވަނީ ޓީމު ވަރުގަދަކުރުމަށް މިހާތަނަށް ފަސް ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އެއީ ވިކްޓަރީ އަށް ކުޅުނު ސީޒަނުގެ ޓޮޕް ސްކޯރަރު މުހައްމަދު އުމޭރާއި ރިލްވާން ވަހީދާއި ވީބީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އާއި އޭވައިއެލްގެ މޫސާ ޔާމީނާއި މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުންގެ ގިނަ ނިއުގެ ބްލޫ ނައިޓް ބޭއްވީ ހުސްވި ސީޒަން ފެށުމުގެ ގޮތުން ޓީވީގަ އެވެ. ވައިޓް ނައިޓް ބޭއްވީ އދ. މަހިބަދޫގަ އެވެ.