14 Sep 2010, 13:49
ގައުމީ ދިފާއީބާރުންގެ ތަމްރީނުތަކެއް މާލެއާއި މާލެ އަތޮޅުގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ.
ގައުމީ ދިފާއީ ބާރުގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ އިއްޔެ ފެށި ތަމްރީނުތައް އަންނަ ހޮނިހިރު ދުވަހާހަމަ އަށް ކަނޑާއި އެއްގަމުގައި ކުރިޔަށްދާނެ ކަމަށެވެ.
"ސިފައިންގެ ތަމްރީނުތައް އިއްޔެ ވަނީ ފެށިފައި. މި ތަމްރީނުތަކުގެ ބައިތައް އާންމުނަށް ފެންނަ ވަރުވާނީ މާދަމާއިން ފެށިގެން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ތަމްރީނުތައް ސިފައިން ހަދަމުންދާއިރު މާދަމާއިން ފެށިގެން ހަތިޔާރު ބޭނުން ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ތަމްރީނުގައި އުޅޭ ސިފައިން ބޭނުންކުރާ ހަތިޔާރުތަކުން މީހަކަށް ވެސް ތަނަކަށް ވެސް ގެއްލުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިފައިންގެ މި ތަމްރީނުތަކަކީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ސިފައިން ތަމްރީނު ކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގާ ތަމްރީނުތަކެއް ކަމަށް ވެސް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފަ އެވެ.