އިޓަލީ (އޮކްޓޯބަރު 26) -- ޓެކްސް އަށް މަކަރު ހަދާ އޮޅުވާލުމުގެ ކުށުގައި އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބާލުސްކޯނީގެ މައްޗަށް ހަތަރު އަހަރުގެ ޖަލުހުކުމެއް އެ ގައުމުގެ މިލާންގެ ކޯޓުން އިއްޔެ އިއްވައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާލުސްކޯނީ މަގާމުން އިސްތިއުފާދެއްވި ފަހުން މިއީ ވިޔަފާރީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުއްސާބިތުވި ފުރަތަމަ ފަހަރެވެ. އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް މިހާރުވެސް އުފުލިފައިވާއިރު އިއްޔެ ކުރި ހުކުމް އޭނާ ވަނީ އިސްތިއުނާފު ކުރާނެ ކަން ހާމަކޮށްފަ އެވެ. އެ ހުކުމް އިއްވި އިރު ބާލުސްކޯނީގެ އުމުރުން 76 އަހަރު ފުރިފައިވުމުން ކޯޓުން ވަނީ ތިން އަހަރު އޭނާގެ ހުކުމުން މާފުކޮށްދީފަ އެވެ.

އެ ހުކުމުން ތިން އަހަރު މާފްކޮށްދިނުމާއި އެ މައްސަލަ އިސްތިއުނާފު ކުރަން ބާލުސްކޯނީ ނިންމެވުމުން އެ ހުކުމް ތަންފީޒު ވާނެ ކަމާ މެދު ސުވާލުއުފެދެ އެވެ. އިޓަލީގެ ޝަރުއީ ދާއިރާގައި އަމަލުކުރާ އުސޫލުގެ ދަށުން ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް އިއްވާތާ 15 ދުވަހުގެ ތެރޭގައި އެ ހުކުމެއް އިސްތިއުނާފު ކުރަން ޖެހޭއިރި އިސްތިއުނާފުގެ މަރުހަލާގައި މައްސަލައެއް ނިންމަން އަހަރު ދުވަސްނަގަ އެވެ. އަދި އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާނެ އެވެ.

އޭނާގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރެއްވުން މަނާވާނެ އެވެ. ބާލުސްކޯނީ ބޮޑުވަޒީރުކަމަށް އިތުރަށް ކުރިމަތިނުލައްވާނެކަން ވަނީ ހާމަކުރައްވައިފަ އެވެ.

ބާލުސްކޯނީ އެ ހުކުމް ސިފަކުރައްވާފައިވަނީ ޝަރުއީ ދާއިރާއިން އޭނާއަށް ކުރިމަތިކުރާ ފިއްތުމެއްގެ ގޮތުގަ އެވެ. އަދި އެއީ އޭނާގެ އަބުރު އާންމުން ކުރިމަތީ ނަގާލުމަށް ހިންގާ އަމަލުތަކެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިޓަލީގެ ބިލިއަނަރުންގެ ލިސްޓްގައިވެސް ހިމެނޭ ބާލަސްކޯނީގެ މައްޗަށް އަންނަނީ ބަދު އަހުލާގީ އަމަލެއް ހިންގި ކަމުގެ ކުށުގެ ދައުވާވެސް އުފުލަމުންނެވެ. -- އޭޕީ